ފާއިތުވި ޖެނުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރި މުދަލުގެ ސީއައިއެފް އަގު މިދިޔަ އަހަރުގެ ޖެނުއަރީ މަހާ އަޅާބަލާއިރު އިތުރުވެއްޖެ އެވެ.
ކަސްޓަމްސްގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް 5.1 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކުރިއިރު މި އަހަރުގެ ޖެނުއަރީ މަހު މި އަދަދު ވަނީ 5.2 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ.
އިމްޕޯޓްކުރި ތެޔޮ ނުހިމަނައި ފާއިތުވި ޖެނުއަރީ މަހު ރާއްޖެއަށް އިމްޕޯޓްކުރީ 4.4 ބިލިއަން ރުފިޔާގެ މުދަލެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖެނުއަރީ މަހު ރާއްޖެއަށް އެންމެ ގިނައިން އިމްޕޯޓްކުރީ މެޝިނަރީ އާއި ކާބޯތަކެއްޗެވެ. އެ ގޮތުން 960 މިލިއަން ރުފިޔާގެ މެޝިނަރީ އަދި 960 މިލިއަން ރުފިޔާގެ ކާބޯތަކެތި އިމްޕޯޓްކުރި އެވެ.
ރާއްޖެއަށް މިދިޔަ މަހު އެންމެ ގިނައިން މުދާ އިމްޕޯޓްކުރީ އިންޑިއާ އާއި ޗައިނާ އައި ޔޫއޭއީ އިންނެވެ. މިއިން ކޮންމެ ގައުމަކުން އެއް ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކުރި އެވެ. ދެން އެންމެ ގިނައިން މުދާ އިމްޕޯޓްކުރީ މެލޭޝިއާ އާއި ސިންގަޕޫރުންނެވެ.
މެލޭޝިއާ އިން މިދިޔަ ޖެނުއަރީ މަހު 421 މިލިއަން ރުފިޔާގެ މުދާ އަދި ސިންގަޕޫރުން 332 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވެ އެވެ.