އެމެރިކާގެ ރައީސް ޑޮނަލްޑް ޖޭ ޓްރަމްޕަށް ތާއީދު ކުރާ މީހުން ކެލިފޯނިއާ ސްޓޭޓްގެ ދެކުނު ސަރަހައްދުގެ ގޮނޑުދޮށުގައި ބޭއްވި ހިނގާލުމަކަށް އިދިކޮޅު ބަޔަކު ހުރަސް އަޅަން އުޅުމުން ދެބައިމީހުންގެ މެދުގައި ހަމަނުޖެހުންތައް އުފެެދި ތަޅާފޮޅުން ހިނގައިފި އެވެ.
ދަ ޓެލެގްރާފް ނޫހުން ބުނީ ޓްރަމްޕްއަށް ތާއީދުކުރާ 2000 މީހުން ބޭއްވި ހިނގާލުމަށް ހުރަސްއަޅަން އުޅުނީ އިދިކޮޅު 30 މީހުން ކަމަށެވެ. ހިނގާލުމަށް ހުރަސްއެޅުމުގެ ގޮތުން އިދިކޮޅު މީހުން ކުރި ކަމަކީ ޓްރަމްޕްގެ ސަޕޯޓަރުންގެ ލޮލަށް ޕެޕަ ސްޕްރޭ ޖެހުމެވެ. އެއާއެކު ޓްރަމްޕްގެ ސަޕޯޓަރުންގެ ތެރެއިން ބައެއް މީހުން ވަނީ އިދިކޮޅު ބައެއް މީހުން ބިންމައްޗަށް ވައްޓާލައި އެމީހުންގެ ގައިގައި ތަޅައިގެންފަ އެވެ. ހަމަ ނުޖެހުމުގައި ދެމީހަކަށް އެކިވަރުގެ ޒަހަމްތައް ވެސް ލިބުނެވެ.
އެމެރިކާ ފުލުހުންނާ ހަވާލާދީ ނޫހުން ބުނީ ހޮނިހިރު ދުވަހު ހިނގި އެ ހަމަނުޖެހުމާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭގެ ތެރެއިން ދެމީހުން ހައްޔަރު ކޮށްފައި ވަނީ ގަވައިދާ ހިލާފަށް ޕެޕަ ސްޕްރޭ ބޭނުންކުރުމުގެ ކުށުގެ ތުހުމަތަށެވެ. އަދި އަނެއް މީހާ ހައްޔަރުކޮށްފައި ވަނީ މާރާމާރީ ހިންގުމުގެ ކުށުގެ ތުހުމަތަށެވެ.
އެމެރިކާގެ ރައީސް ޓްރަމްޕަށް ތާއީދު ކުރާ މީހުން އެ ގައުމުގައި ހިނގައިލުމެއް ބާއްވާ ނަމަ އެ ހިނގައިލުމަކަށް އިދިކޮޅު މީހުން ހުރަސް އެޅުމަކީ އާންމު ކަމަކަށް ވަނީވެފަ އެވެ.