ވިޔަފާރި

ގެޓްސެޓް ލޯނު ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފި

ރާއްޖޭގައި ޒުވާން ވިޔަފާރިވެރިން އުފައްދަން ރައީސް އަބްދުﷲ ޔާމީން މި ސަރުކާރުގައި ފައްޓަވައި ދެއްވާފައިވާ "ގެޓްސެޓް" ލޯން ފްރޮގްރާމުގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައި އުސޫލުތައް އާންމުކޮށްފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައި ވަނީ މި އަހަރުގެ ގެޓްސެޓް ޕްރޮގްރާމުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މާދަމާއިން ފެށިގެން އެޕްލިކޭޝަން ފޯމު ދޫކުރާނެ ކަމަށާއި ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހު 16 އިން ފެށިގެން އެ މަހުގެ 27 ވަނަ ދުވަހާ ހަމަޔަށް އޮންނާނެ ކަމަށެވެ.

ޒުވާނުންނަށް ހާއްސަކޮށްގެން ހުޅުވާލާ ގެޓްސެޓް ލޯން ސްކީމްގެ ޖުމްލަ އަދަދަކީ 200 މިލިއަން ރުފިޔާ އެވެ. ރަހުނަކާ ނުލައިމި ސްކީމުން 300،000ރ. އާއި 800،000ރ. އާ ދެމެދުގެ އަދަދެއްގެ ލޯނު ދޫކުރާނެ އެވެ. މި ލޯނުތައް ދެއްކުމަށް ހަތަރު އަހަރާއި ނުވަ އަހަރު ލިބެ އެވެ.

އެޕްލިކޭޝަން ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ

1- މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް
2- ހދ. ކުޅުދުއްފުށި ބިސްނަސް ސެންޓަރު
3- ލ. ފޮނަދޫ ބިސްނަސް ސެންޓަރު
4- ސ. ހިތަދޫ ބިސްނަސް ސެންޓަރު
5- ޅ. ނައިފަރު ބިސްނަސް ސެންޓަރު
6- ގދ. ތިނަދޫ ބިސްނަސް ސެންޓަރު
7- ދ. ކުޑަހުވަދޫ ބިސްނަސް ސެންޓަރު

ޒުވާން ވިޔަފާރިވެރިން އުފައްދަން ސަރުކާރުން ތައާރަފް ކުރި ގެޓް ސެޓް ލޯން ސްކީމްގެ ތެރެއިން މީގެ ކުރިން ވަނީ 72 ޒުވާނަކަށް ލޯނު ދީފި އެވެ. އަދި އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ ވިޔަފާރީގެ ތެރެއަށް ވަދެ، ތަރައްގީ ހޯދާފަ އެވެ.