ހަބަރު

ބަޖެޓަށް އާމްދަނީ މަދުވި ނަމަވެސް އެއްވެސް ޕްރޮޖެކްޓެއް ހުއްޓާނުލާނެ: ސައީދު

Mar 28, 2015

ބަޖެޓަށް އާމްދަނީ އިތުރު ކުރުމަށް އެޅި ފިޔަވަޅުތަކަށް ގެނައި ބަދަލާ އެކު އާމްދަނީ މަދުވި ނަމަވެސް ސަރުކާރުން ހިންގަން ރާވާފައިވާ އެއްވެސް ޕްރޮޖެކްޓެއް ހުއްޓާނުލާނެ ކަމަށް އިކޮނޮމިކް މިިނިސްޓްރީ އިން ބުނެފި އެވެ.

ސައިކަލުން އިމްޕޯޓް ޑިއުޓީ ބޮޑުކޮށް ފޭރާމުގެ ބާވަތްތަކުން އިމްޕޯޓް ޑިއުޓީ ނަގަން ފެށުމަށް ނިންމާފައި އޮތް ނަަމަވެސް، ސަރުކާރުން ވަނީ އެކަން މިހާރު ބަދަލުކޮށްފަ އެވެ. އަދި ކާޑްގެ ބާވަތްތަކުން ނަގަން ނިންމި އިމްޕޯޓް ޑިއުޓީ ވެސް ނުނަގަން ވަނީ ނިންމައިފަ އެވެ.

އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، އެ ބަދަލުތައް ގެންނަނީ އާންމު ރައްޔިތުންނަށް އުނދަގޫވެދާނެތީ ކަމަށެވެ. ނަމަވެސް ބަޖެޓުން ހިންގަން ރާވާފައިވާ އެއްވެސް ތަރައްގީގެ މަޝްރޫއެއް ސަރުކާރުން ހުއްޓާނުލާނެ ކަމަށް ސައީދު ވިދާޅުވި އެވެ. އަދި ބަޖެޓަށް އެޖަސްޓްމަންޓް ތަކެއް ގެނެސްގެން އެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އާމްދަނީ ހޯދަން އަލަށް ހުށަހެޅި ކަންތައްތަކަށް ބަދަލު ގެންނަނީ، ކުރިއަށް ގެންދަން ހުރި މަޝްރޫއުތަކަށް ހުރަސްނޭޅޭނެ ގޮތަކަށް ބަލައިގެން ކަމަށް ވެސް ސައީދު ވިދާޅުވި އެވެ.

"ބަޖެޓްގައި ހުރި ޕްރޮޖެކްޓްތައް އެއްވެސް ބަދަލެއްނައިސް އެ ހުރި ގޮތަށް ދާނެ. އެ ޕްރޮޖެކްޓްތައް ހުއްޓާނުލާނެ،" ސައީދު ވިދާޅުވި އެވެ. 

އިމްޕޯޓް ޑިއުޓީއަށް އެކަނި ގެނައި ބަދަލުތަކުން 900 މިލިއަން ރުފިޔާ ބަޖެޓަށް ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އަދި ދެން އިތުރަށް އަޅާ ފިޔަވަޅުތަކާ އެކު ގާތްގަނޑަކަށް ދެ ބިލިއަނެއްހާ ރުފިޔާ އިތުރަށް ލިބޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 24.3 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ބަޖެޓަށް އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްފައި ވަނީ 21.5 ބިލިއަން ރުފިޔާ އެވެ. އެއީ 2.8 ބިލިއަން ރުފިޔާގެ ޑެފިސިޓެކެވެ.