ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވީއައިއޭގެ އާ ސީޕްލޭން ޓާމިނަލް އަޅަން 3.2 ހެކްޓަރުގެ ބިން ހިއްކަން ފަށައިފި

Apr 26, 2017
1

ވެލާނާ އިންޓެނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ސީޕްލޭން ޓާމިނަލް އަޅަން ބޭނުންވާ 3.2 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ފަށައިފި އެވެ. ސީ ޕްލޭން ޓާމިނަލްގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

ސީޕްލޭން ޓާމިނަލްގެ ބިން ހިއްކުން އިފްތިތާހު ކުރުމަށް މިއަދު އެ ސަރަހައްދުގައި ބޭއްވި ހަފްލާއެއްގައި ވާހަކަފުޅު ދައްކަވަމުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ މެނޭޖިން ޑައިރެކްޓަރު އާދިލް މޫސާ ވިދާޅުވީ އެއާޕޯޓު ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއުގެ ތެރެއިން އެންމެ އިސް ކަމެއްދީގެ ކުރިޔަށްގެންދާ އެއް މަޝްރޫއަކީ ސީ ޕްލޭން ޓާމިނަލް އެޅުމުގެ މަސައްކަތް ކަމަށާއި އެ މަޝްރޫއު ނިމިގެންދާ އިރު އެ ޓާމިނަލުން އެންމެ ފެންވަރު ރަނގަޅު އަދި ހުރިހާ ހިދުމަތްތަކެއް ވެސް ލިބޭނެ ކަމަށެވެ.

"ހުޅުލެއަށް އަންނަ މައިގަނޑު ޕްރޮޖެކްޓުގެ ގޮތުގައި އެއާޕޯޓުގެ ރަންވޭ ހިމެނޭ ގޮތަށް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިޔަށް ދިޔަ ނަމަވެސް ވިދިގެން އަންނަ އިތުރު މިފަދަ ޕްރޮޖެކްޓުތަކަކީ އެއާޕޯޓުންދޭ ހިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ ކަމެއް. އެގޮތުން އާ ސީޕްލޭން ޓާމިނަލްއާއެކު އެއާޕޯޓަށް އަންނަ ތަރައްގީއަކީ އެމްއޭސީއެލްއަށާއި ރާއްޖެއަށް ލިބޭ ބޮޑު ކުރިއެރުމެއް،" އާދިލް ވިދާޅުވި އެވެ.

މިހާރު ހުރި ސީ ޕްލޭން އެހެން ސަރަހައްދަކަށް ބަދަލުކޮށް ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ އަލަށް އަޅާ ރަންވޭއަށް ބޭނުންވާ ޖާގަ ދިނުމަށެވެ. އެ ޓާމިނަލް އެޅުމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައި ވަނީ، އެއާޕޯޓުގެ ރަންވޭ އެޅުމުގެ މަސައްކަތް ވެސް ހަވާލުކޮށްފައިވާ ޗައިނާގެ ބީޔޫސީޖީ ކުންފުންޏަށެވެ. އަދި އެ މަސައްކަތް މަހެއްހާ ދުވަސް ތެރޭގައި ނިންމާލެވޭނެ ކަމަށް އެމްއޭސީއެލްއިން ބުނެފައިވެ އެވެ.