މާލެ އާއި ކައިރީގައި އޮންނަ ފުނަދޫގައި ހުރި ތެޔޮ ޓޭންކްތައް ކ. މާގިރިފަޅަށް ބަދަލުކުރަން ނިންމައިފި އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ އަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ފުނަދޫގައި ގާއިމުކޮށްފައިވާ ފިއުލް ފާމް އެހެން ތަނަކަށް ބަދަލުކުރުމަށް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ހުށަހެޅި މައްސަލައިގައި އިކޮނޮމިކް ކައުންސިލްގައި ގޮތްތަކެއް ނިންމާފައިވާ ކަމަށެވެ.
"ފުނަދޫގައި ގާއިމުކޮށްފައިވާ ފިއުލްފާމް ކ. މާގިފިފަޅަށް ބަދަލުކުރުމުގެ ކަންކަން އެސްޓީއޯއިން ކުރިއަށް ގެންދެވުމަށް އިކޮނޮމިކް ކައުންސިލުން ވަނީ ނިންމާފަ،" ނާޒިމު ވިދާޅުވި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނު ކުރައްވާފައިވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގައި ފުނަދޫ ހިމެނޭކަން ފާހަގަކުރައްވާ ނާޒިމު ވިދާޅުވީ ދުރުރާސްތާ ކަމެއްގެ ގޮތުގައި ފިއުލް ފާމް އެހެން ތަނަކަށް ބަދަލުކުރަން ޖެހޭ ކަމަށެވެ.
ފުނަދޫ ހުސްކުރުމަށްފަހު އެތަން ސްޕެޝަލް އިކޮނޮމިކް ޒޯނަކަށް ހަދައި އެރަށުގައި ބައިނަލްއަގުވާމީ ފައިނޭންޝަލް ސެންޓަރެއް ހެދުމަށް ނިންމާފައިވާކަން ރައީސް މުއިއްޒު އިއުލާނު ކުރެއްވީ ވީއައިއޭ ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްރޫއު ފެށުމަށް ބޭއްވި ރަސްމިއްޔާތުގަ އެވެ.