ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވީއައިއޭގައި ސްމާޓް ގޭޓްގެ ހިދުމަތް ތައާރަފްކޮށްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގައި "ސްމާޓް ގޭޓް"ގެ ހިދުމަތް ތައާރަފްކޮށް ހިދުމަތް ދޭން ފަށައިފި އެވެ.

ވީއައިއޭގެ ޕެސެންޖާ ޓާމިނަލްގައި މިއަދު މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި މިހިދުމަތް ތައާރަފްކޮށްދެއްވީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދާއި ކޮމިޝަނާ ޖެނަރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިއު އެވެ.

ވީއައިއޭގައި ސްމާޓް ގޭޓް ހިދުމަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ސްމާގް ގޭޓް ހިދުމަތް ދޭން ފެށުމާ ގުޅިގެން ރާއްޖެއަށް ޒިޔާރަތް ކުރާ މީހުންގެ ލަގެޖުގެ ތެރެއިން މޯލްޑިވްސް ކަސްޓަމްސްއިން އިތުރަށް ބަލައި ފާސްކުރަންޖެހޭ ލަގޭޖުތަކުގައި ކުރިން ބޭނުންކުރަމުން އައި ރަތް ސްޓިކާގެ ބަދަލުގައި ދެން ބޭނުންކުރާނީ ރޭޑިއޯ ފްރީކުއަންސީ އައިޑެންޓިފިކޭޝަން (އާރްއެފްއައިޑީ) ޓެގްތަކެވެ.

އާރްއެފްއައިޑީ ޓެގް ހަރުކޮށްފައިވާ ލަގެޖެއް ގެންގުޅޭނަމަ ވެރިފަރާތުން ރެޑް ޗެނަލަށް ގޮސް ކަސްޓަމްސް ކްލިއަރަންސް ހަދަންޖެހެ އެވެ. ކަސްޓަމްސް ކްލިއަރެންސް ނުުހޯދައި ނިކުންނަން މަސައްކަތް ކޮށްފިނަމަ ސްމާޓް ގޭޓުން އައިޑެންޓިފައިކޮށް އެލާމް އަޅާނެެ އެވެ.

ސްމާޓް ގޭޓާ އެކު ހިދުމަތް ފަސޭހަވެ އަވަސްވެ ވަގުތު ސަލާމަތްވާނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.