ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ޓާމިނަލް މިއަހަރުގެ ޖުލައި މަހުގެ ތެރޭގައި ހުޅުވާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އިން ބުނެފި އެވެ.
އެމްއޭސީއެލް އިން ބުނީ ވީއައިއޭގެ އާ ޓާމިނަލްގެ މަސައްކަތް މި އަހަރުގެ ޖުލައި މަހު ނިމި، އެ މަހުގެ ތެރޭގައި ބޭނުންކުރަންވެސް ފެށޭނެ ކަމަށެވެ.
އެމްއޭސީއެލް އިން ބުނި ގޮތުގައި މަޝްރޫއުގެ މަސައްކަތް ދަނީ ކަނޑައަޅާފައިވާ ތާވަލާ އެއްގޮތަށެވެ.
އާ ޓާމިނަލްގައި އެންމެ ފާހަގަކުރެވޭ ކަންކަމުގެ ތެރޭގައި 'އާލީ ޗެކް-އިން' އަދި 'އާލީ ބެގޭޖް ސްޓޯރޭޖް'ގެ ހިދުމަތް ދިނުން ހިމެނެ އެވެ.
މީގެ އިތުރުން އިމިގްރޭޝަން ހިދުމަތްދޭ ސަރަހައްދު މިހާރުގެ ޓާމިނަލްއާ އަޅާބަލާއިރު 280 ގުނަ އިތުރުވާނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.
އަހަރަކު ހަތް މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދިނުމަށް ފަރުމާކޮށްފައިވާ އާ ޓާމިނަލްއާ އެކު، އެއާޕޯޓަށް މިހާރު ދިމާވާ ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށް އެމްއޭސީއެލް އިން މައުލޫމާތުދެ އެވެ.
މި ބޮޑު މަޝްރޫއަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާއަށް އިތުރު ކުރިއެރުމެއް ގެނެސްދޭނެ ކަމެއްގެ ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާގެ ފަރާތްތަކުން ފާހަގަކުރެ އެވެ.