ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވީއައިއޭގެ އާ ކާގޯ ޓާމިނަލް ހުޅުވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އާ ކާގޯ ޓާމިނަލް ހުޅުވައިފި އެވެ.

ވީއައިއޭގެ އާ ކޯގާ ޓާމިނަލް ސަރަހައްދުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޓާމިނަލް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރޭގައި ހިމެނިގެން ތަރައްގީކޮށްފައިވާ އާ ކާގޯ ޓާމިނަލަކީ ކުރީގެ ޓާމިނަލަށް ވުރެ ކާގޯ ހޭންޑްލިންގެ މަސައްކަތް ގާތްގަނޑަކަށް ތިންގުނަ އިތުރަށް ކުރެވޭ ވަރުގެ ޓާމިނަލެކެވެ.

ކުރީގެ ބާ ޓާމިނަލުން އަހަރަކު 50،000 ޓަނުގެ ކާގޯގެ ހިދުމަތްދެވޭ އިރު އާ ކާގޯ ޓާމިނަލާއެކު ޖުމްލަ 120،000 ޓަނުގެ ކާގޯގެ ހިދުމަތް އަހަރަކު ދެވޭނެ އެވެ.

އާ ކާގޯ ޓާމިނަލުގައި ކުރީގެ ޓާމިނަލަށް ވުރެ ގިނަ ވަސީލަތްތައް ގާއިމުކޮށްފައިވާއިރު މި ޓާމިނަލްގައި ބޭނުންކުރަނީ ތިމާވެއްޓާ ރަހުމަތްތެރި އުޅަނދެވެ.


މީގެ އިތުރުން އާ ކާގޯ ޓާމިނަލްގައި ތިން ބުރިއަށް އިމާރާތްކޮށްފައިވާ އޮފީސް އިމާރާތެއް ހިމެނޭއިރު އެއާލައިންތަކާއި ބްރޯކަރުންނަށް ހާއްސަކޮށް 55 އޮފީހުގެ ޖާގަ ހިމެނެ އެވެ.

ރައީސް ޑރ. މުއިއްޒު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަހަރަކު ޖުމްލަ 25 މިލިއަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރަށް އެ ތަން ތަރައްީކުރުމުގެ މެގަ ޕްރޮޖެކްޓެއްވެސް އިއުލާންކުރައްވާފަ އެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ އާ ކާގޯ ޓާމިނަލް ރަސްމީކޮށް ހުޅުވައިދެއްވުމަށްފަހު ރައީސް ވަނީ އެތަން ބައްލަވާލައްވާފަ އެވެ.