ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ވީއައިއޭގައި އިތުރު ދެ އެފްއެންބީ އައުޓްލެޓް ހުޅުވައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ އިންޓަނޭޝަނަލް ޓާމިނަލްގައި މުޅިން އާ ދެ ފުޑް އެންޑް ބެވަރެޖް (އެފްއެންޑްބީ) އައުޓްލެޓް މިއަދު ހުޅުވައިފި އެވެ.

މި ދެ އައުޓްލެޓަކީ ގްރޭޕް އެކްސްޕެކްޓޭޝަންސް އާއި އެޗްއެމްއެސްހޯސްޓްގެ ފަރާތުން ހުޅުވި ދެ އައުޓްލެޓެވެ.

ވީއައިއޭ ޑިޕާޗާ ޓާމިނަލްގައި ބޭއްވުނު ރަސްމިއްޔާތެއްގައި މި ދެ އައުޓްލެޓް ހުޅުއްވައި ދެއްވީ އެމްއޭސީއެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދާއި، ގްރޭޕް އެކްސްޕެކްޓޭޝަންސްގެ އެމްޑީ އާމިރު މަންސޫރުގެ އިތުރުން އެޗްއެމްއެސްހޯސްޓުގެ އޮޕަރޭޝަންސް މެނޭޖަރު ސްރަވަން ޕަޓްނައިކެ އެވެ.

ވީއައިއޭ އިންޓަނެޝަނަލް ޑިޕާޗަ ފޯކޯޓްގައި އައުޓްލެޓްތަކެއް ހުޅުވުމަށް އެމްއޭސީއެލް އިން ނިންމީ މި ސަރަހައްދުން ދަތުރުވެރިންނަށް އިތުރު ބާވަތްތަކާއި ބްރޭންޑްތައް ފޯރުކޮށްދިނުމުގެ އިތުރުން ދަތުރުވެރިންނަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފޯރުކޮށްދޭ ހިދުމަތްތައް ތަރައްގީކޮށް ކުރިއެރުވުމަށްޓަކައި ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ.

ގްރޭޕް އެކްސްޕެކްޓޭޝަން އިން މިއަދު ހުޅުވި އައުޓްލެޓަކީ އެ ކުންފުނީގެ އަމިއްލަ ބްރޭޑެއް ކަމަށްވާ "ދަ ގްރޭޕް" އެވެ. މިއީ އެކުންފުނީގެ މިފަދަ ފުރަތަމަ އައުޓްލެޓެވެ. އަދި އެޗްއެމްއެސްހޯސްޓް މޯލްޑިވްސް އިން މިއަދު ރަސްމީކޮށް ހުޅުވީ ކޭއެފްސީ، ކޮސްޓާ ކޮފީ، އަދި ގްރެބް އެންޑް ފްލައި ހިންގާ އައުޓްލެޓެކެވެ.

މި ދެ ކުންފުންޏަކީ 2018 އިން ފެށިގެން އެއާޕޯޓުގައި ރެސްޓޯރަންޓް ހިނަގަމުން އަންނަ ދެކުންފުންޏެވެ.

ދެ އައުޓްލެޓް ހުޅުއްވައިދެއްވުމަށްފަހު އެމްއޭސީ.އެލްގެ ސީއީއޯ އަދި އެމްޑީ އިބްރާހިމް ޝަރީފް މުހައްމަދު ވިދާޅުވީ އެމްއޭސީއެލްގެ އަމާޒަކީ ވީއައިއޭއިން ހިދުމަތް ހޯދާ ފަސިންޖަރުންނަށް ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުން ކަމަށެވެ.

"މިއަދު ހުޅުވިގެން މިދިޔަ ދެ އައުޓްލެޓުން ދަތުރުވެރިންނަށް ރަނގަޅު ހިދުމަތެއް ލިބިގެންދާނެ ކަމަށް ޔަގީންކުރަން،" ޝަރީފް ވިދާޅުވި އެވެ.