އެމްއޭސީއެލް

ސީޕްލޭން ދަތުރުތަކުގައި އާ ރިކޯޑެއް ހަދައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ސީޕްލޭން ދަތުރުތަކުގައި އާ ރިކޯޑެއް ހަދައިފި އެވެ.

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ބުނީ ރާއްޖޭގައި ސީޕްލޭން އޮޕަރޭޓްކުރާ ޓީއެމްއޭ، މޯލްޑިވިއަން އަދި މަންޓާ އެއާގެ 649 އެއާޓްރެފިކް މޫވްމަންޓްސް މި މަހުގެ ދެވަނަ ދުވަހު ރެކޯޑް ކުރެވިފައިވާ ކަމަށެވެ. އެއީ މިހާތަނަށް އެއް ދުވަހު ކުރެވުނު އެންމެ ގިނަ ސީޕްލޭން ދަތުރުތައް ކަމަށެވެ.

މީގެ ކުރިން އެއްދުވަހެއްގެ ތެރޭގައި އެންމެ ގިނަ ދަތުރުކޮށްފައިވަނީ ޖުމްލަ 635 ސީޕްލޭން މޫވްމަންޓެވެ. އެއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު އެވެ.

ސީޕްލޭންގެ މިހާ ގިނަ ދަތުރުތައް އެއް ދުވަހެއްގެ ތެރޭގައި ހިންގާފައި މިވަނީ އާ އަހަރާއި ކުރިސްމަސްއާ ދިމާކޮށެވެ. ކޮންމެ އަހަރަކުވެސް މިދުވަސްވަރާ ދިމާކޮށް ރާއްޖެ އަންނަ ފަތުރުވެރިން އާދަޔާ ހިލާފަށް އިތުރުވެ އެވެ.

ރާއްޖެއަށް މިދިޔަ އަހަރު 1.8 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ކަނޑައަޅައި އެ އަމާޒު ވަނީ ހާސިލްކޮށްފަ އެވެ. އެގޮތުން 1.8 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ ޒިޔާރަތްކުރީ މިދިޔަ މަހުގެ 20 ވަނަ ދުވަހު އެވެ.

ރާއްޖެއަށް މިދިޔަ އަހަރު އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރީ އިންޑިއާ އާއި ރަޝިއާއިންނެވެ. މިއިން ކޮންމެ ގައުމަކުން 209،100 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.