އެމްއޭސީއެލް

ފްލައިނަސްގެ ދަތުރުތައް ރާއްޖެއަށް ފަށައިފި

ސައުދި އަރަބިއްޔާގެ އެއާލައިނެއް ކަމުގައިވާ ފްލައިނަސްގެ ދަތުރުތައް މިއަދު ރާއްޖެއަށް ފަށައިފި އެވެ.

ފްލައިނަސް އަށް މަރުހަބާ ކިޔުމަށް މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމާއި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އިތުރުން ފްލައިނަސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

ފްލައިނަސްގެ ދަތުރުތައް ރާއްޖެއަށް ފެށުމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު ވިދާޅުވީ ފްލައިނަސްގެ ދަތުރުތައް ރާއްޖޭގެ ފަތުރުވެރިކަމަށް ލިބޭނެ އިތުރު ކުރިއެރުމެއް ކަމަށެވެ. މިދަތުރުތަކާއެކު ދިވެހިންނަށް ސައުދީއަށް ދިއުމަށް ފަސޭހަތަކެއް ލިބޭނެ ކަމުގައިވެސް ވިދާޅުވި އެވެ.


ފްލައިނަސް އިން މި އަހަރުގެ އޮކްޓޯބަރާ ހަމައަށް ރާއްޖެ އަށް ފެށި ދަތުރުތަކުގައި ހަފުތާއަކު ތިން ފްލައިޓް ބާއްވާނެ އެވެ. އެއީ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު އެވެ.

ސައުދީގެ އިތުރުން މެދުއިރުމަތީގައިވެސް ފްލައިނަސް ފާހަގަކުރެވިފައިވަނީ އަގުހެޔޮކޮށް ދަތުރުކުރާ އެއާލައިނެއްގެ ގޮތުގަ އެވެ.

ފްލައިނަސްގެ ދަތުރުތައް ކުރާނީ ސައުދި އަރަބިއްޔާގެ ވެރިރަށް ރިޔާދުގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށެވެ.

ފްލައިނަސް ވުޖޫދަށް އައި 2007 ވަނަ އަހަރު ނަސްއެއާގެ ނަމުގަ އެވެ. ނަމަވެސް 2013 ވަނަ އަހަރު ފްލައިނަސްގެ ނަމަށް ނަން ބަދަލުކޮށް ފްލީޓު ވަރުގަދަކޮށްފައިވެ އެވެ. ފްލައިނަސްގެ ފްލީޓްގައި މިވަގުތު 39 ބޯޓު އެބައޮތެވެ.

ސައުދީގެ ގައުމީ އެއާލައިން -- ސައުދިއާގެ ދަތުރުތައް 2016 ވަނަ އަހަރުގެ މާޗް މަހުން ފެށިގެން ދަނީ ރާއްޖެއަށް ކުރަމުންނެެވެ.

ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ ގޮތުގެ ތަފާސްހިސާބުތަކަށް ބަލާއިރު މިއަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހު ސައުދީ އަރަބިއްޔާއިން ރާއްޖެއަށް 8،367 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.