ޓޫރިޒަމް

ވީއައިއޭ ނުލައި ދެކުނަށް ޓޫރިސްޓުން ގެންދެވޭނެ ގޮތެއް ހޯދަނީ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ބޭނުން ނުކޮށް، ޓޫރިސްޓުން ގެނެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ޓޫރިޒަމް މިނިސްޓްރީން ފަށައިފި އެވެ.

ރާއްޖޭގެ ދެކުނު- އައްޑޫ- ހުވަދޫ ހިމެނޭ ގޮތަށް، ޓޫރިޒަމް ފުޅާކުރުމުގެ ގޮތުން ޓޫރިޒަމް އިންޑަސްޓްރީއާ އެކު ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް މިހާރު ދަނީ ހާއްސަ ދަތުރުފުޅެއް ކުރައްވަމުންނެވެ.

މި ދަތުރުގައި ހުވަދު އަތޮޅާއި އައްޑޫ އަދި ފުވައްމުލަކުގައި ގާއިމްވެފައިވާ ޓޫރިޒަމް ޕްރޮޕަޓީ ތަކަށް އިންޑަސްޓްރީގެ ބޭފުޅުންނާއެކު މިނިސްޓަރު ވަޑައިގެންފައިވެ އެވެ. މި ދަތުރުގައި ސިޓީ ކައުންސިލަރުންގެ މޭޔަރުންނާއި އަތޮޅު ކައުންސިލްގެ ރައީސުންނާއި ބައެއް މަޖިލީސް މެންބަރުންގެ ވެސް ބައިވެރިވެ ވަޑައިގެންފައިވެ އެވެ.

މި ދަތުރުފުޅާ ބެހޭ ގޮތުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އަވަސް އަށް ވިދާޅުވީ މި ދަތުރުފުޅަކީ އިންޑަސްޓްރީން އިސް ނަގައިގެން އެ މަނިކުފާނު ބައިވެރިވަޑައިގަންނަވާ ދަތުރުފުޅެއް ކަމަށެވެ. މި ދަތުރުގެ މައިގަނޑު މަގުސަދަކީ ދެކުނުގައި ޓޫރިޒަމް ފުޅާ ކުރަން ހުރި ފުރުސަތުތައް ހޯދުން ކަމަށެވެ.

"ބޭނުމަކީ ސަދަން އަކީ އިންޑިޕެންޑެންޓް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ހިންގަން މަގުފަހި ކުރުން. ވީއައިއޭ ނުހިމަނައި ޓޫރިޒަމް ހިންގާނެ ގޮތެއް ހޯދުން. މިކަން ކުރުމަށް މި [އިންޑަސްޓްރީ]ގެ ބޭފުޅުން ވަރަށް ތަނަވަސް ހިޔާލު ފުޅުތަކެއް ގެންގުޅުއްވާ،" މައުސޫމް ވިދާޅުވި އެވެ.

ބޭނުމަކީ ސަދަންއަކީ އިންޑިޕެންޑެންޓް ޓޫރިޒަމް ޒޯނެއްގެ ގޮތުގައި ހިންގަން މަގުފަހި ކުރުން. ވީއައިއޭ ނުހިމަނައި ޓޫރިޒަމް ހިންގާނެ ގޮތެއް ހޯދުން
އަބްދުﷲ މައުސޫމް | ޓޫރިޒަމް މިނިސްޓަރު

މި ދަތުރުފުޅުގައި ރާއްޖޭގެ ބައެއް ޓުއާ އޮޕަރޭޓަރުންނާއި ޓޫރިޒަމް ކުންފުނިތަކުގެ އިސްވެރިންނާއި ޓޫރިޒަމް ޖަމިއްޔާތަކުގެ މަންދޫބުން ވެސް ބައިވެރިވެ އެވެ. މި ދަތުރާ ބެހޭ ގޮތުން ރިސޯޓްލައިންގެ ވެރިޔާ އަދި އައްޑޫއަށް ޗާޓަރު ފްލައިޓްތަކެއް ފަށަން ތައްޔާރު ވަމުންދާ ޝާޒު ވަލީދު ވިދާޅުވީ މި ހިސާބުގައި 3،000 އާއި 5،000 އާ ދެމެދުގެ އަދަދަކަށް އެނދު އެބަހުރި ކަމަަށާ، މި ސަރަހައްދުގައި ޕޮޓެންޝަލް ބޮޑު ކަމަށެވެ.

"ބޭނުންވަނީ ރަނގަޅު ޓްރާންސްޕޯޓް ވިއުގައެއް. އެނދު އެބަހުރި [ހުވަދޫ އާއި އައްޑޫ އެއްކޮށް] އެހެންވެ އަނެއްހެން ބުނެވިދާނެ މިއީ ރިޒަވޭޝަން ޓްރިޕެއް ކަމަށް ވެސް. އައްޑޫއަކީ ދެކުނު އެފްރިކާ ބައްރާއި މި ހިސާބުން ފްލައިޓުތަކެއް ގެނެވިދާނެ ސަރަހައްދެއް،" ވަލީދު ވިދާޅުވި އެވެ.