އެމްއޭސީއެލް

އެއްވެސް އެއާލައިނެއްގެ ޝެޑިއުލް ފްލައިޓެއް ކެންސަލެއް ނުވޭ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ފްލައިޓް ޖެއްސުން ލަސްވެގެން ބައެއް އެއާލައިންތައް ރާއްޖެއާ ދުރަށްދާން ފަށައިފައިވާ ކަަމަށް ދެކެވޭ ވާހަތަކައް އެެއާޕޯޓް ހިންގާ މޯލްޑިވްސް އެއާޕޯޓްސް ލިމިޓެޑް ކޮމްޕެނީ(އެމްއޭސީއެލް) އިން ދޮގުކޮށްފި އެވެ.

އެމްއޭސީއެލްއިން މިއަދު ނެރުނު ބަޔާނުގައި ބުނީ ކޮންމެ އަހަރަކުވެސް ފިނި މޫސުމާ ދިމާކޮށް އަންނަ ޕީކް ސީޒަންގައި ފްލައިޓުތައް އިތުރުވެ ބާރުބޮޑުވާތީ ވައިގެ ތެރޭގައި މަޑުކުރަން ޖެހިދާނެ ކަމަށް 2018 ވަނަ އަަހަރުން ފެށިގެން އަންގައި ސާކިއުލާތައް ނެރެމުންދާ ކަމަށެވެ. އަދި އެކަމަށް ސަމާލުވުމުގެ ގޮތުން 45 މިނެޓުގެ ހޯލްޑިން ފިއުލް ބެހެއްޓުމަށް ވެސް އިލްތިމާސްކޮށްފައިވާ ކަަމަށެވެ.

އެހެން ނަމަވެސް އެ ސާކިއުލާއާ ގުޅިގެން ޝެޑިއުލް ފްލައިޓެއް ކެންސަލް ނުވާ ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

"ޕީކް ސީޒަންގައި ދަތުރުތައް ކުރުމަށް ދުރާލާ ރާވައިގެން ހުރިހާ އެއާލައިންތަކުން ވެސް އަންނަނީ ދަތުރުތައް ހަމަޖައްސަމުން. ނަމަވެސް ކޮވިޑްގެ ހާލަތާ އެކު އެކަށީގެންވާ ދަތުރުވެރިން ނުލިބުމުގެ ސަބަބުން ދަތުރުތައް ޝެޑިއުލާ އެއްގޮތަށް ކުރިއަށް ނުގެންދެވުނު ނަމަވެސް ސަރުކާރުގެ ސިޔާސަތަކީ އެއްވެސް އެއާލައިންނަކަށް ދީފައިވާ ސްލޮޓް، އެ އެއާލައިނަކުން ކެންސަލް ނުކުރާހާ ހިނދަކު އެހެން އެއާލައިނަކަށް ނުދިނުން،" އެމްއޭސީއެލްގެ ބަޔާނުގައި ވެއެވެ.

ބައެއް އެއާލައިންތަކަށް ދީފައިވާ ސްލޮޓްތައް އިތުރުކުރަން އެދިފައިވާތީ އެ ހުށަހެޅުންތަަކަށް ބަލައި ކެޕޭސިޓީ އިތުރުކޮށްދެވެން އޮތް ވަރަަކުން ހުރިހާ އެއާލައިންތަކަށް ވެސް މަގުފަހިކޮށްދެެމުންދާ ކަމަށް ވެސް ބުންޏެވެ.

ރާއްޖެއަށް ޓޫރިސްޓުން އަންނަލެއް ވަރަށް ބޮޑަށް އިތުރުވަމުންދާ އިރު އެކަށީގެންވާ ބާރު މިނުމުގައި އެއާޕޯޓުން ހިދުމަތް ނުލިބޭ ކަަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފަ އެވެ. އެމްއޭސީއެލްއިން ބުނީ ޓޫރިސްޓުން އަންނަ ޕީކް ސީޒަނާ ދިމާކޮށް ހިދުމަތްތައް އަވަސް ކުރުމަށް މިހާރުވެސް މަސައްކަތް ކުރަމުންދާ ކަމަށެވެ.