ހަބަރު

"ސްޓެލްކޯ ފެން" އިފްތިތާހުކޮށް ވިއްކަން ފަށައިފި

ރާއްޖޭގެ މައި ކަރަންޓު ކުންފުނި، ސްޓޭލްކޯއިން އުފައްދާ ފެން އިފްތިތާހުކޮށް ވިއްކަން ފަށައިފި އެވެ. އިންޖީނުގެ ހޫނުން އުފެދޭ ފެން، ފުޅީގައި ބަންދުކޮށްގެން "ސްޓެލްކޯ ފެން" ގެ ނަމުގައި އުފައްދަން ފެށި މި ފެން ލިބެން ހުންނާނީ ސްޓެލްކޯގެ ސްޓޯރޫމް އިންނެވެ.

ސްޓެލްކޯ ފެން އިފްތިތާހު ކުރަން މިއަދު ބޭއްވި ހާއްސަ ހަފްލާގައި ވާހަކަފުޅު ދައްކަވަމުން އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް ޝުކޫރު ވިދާޅުވީ ސްޓެލްކޯގެ ފެނަކީ އިންޖީނު ފިނި ކުރުމުގައި ގެންގުޅޭ ފެނުގެ އާވިން އުފައްދާ ފެން ކަމަށާއި އޭގެ އިތުރުން އެއަށް ބޭނުންވާ މިނަރަލްތައް ވެސް އެއްކޮށްފައިވާ ކަމަށެވެ. އެހެންކަމުން ސްޓެލްކޯގެ ފެނަކީ އާންމު ގޮތެއްގައި ހުންނަ އާރްއޯ ޕްލާންޓުން ދޫކުރާ ފެނަށް ވުރެ ސާފު ފެނެއް ކަމަށެވެ.

"އިންޖީނުގެ ތެރޭގައި ފިނިކުރަން ގެންގުޅެނީ މި ފެން. އެ ފެން ފިނި ކުރުމަށް ފަހު ދައުރު ކުރާ ލޮނުފެން އިތުރު ބޮޔަރެއްގައި ދައުރުކޮށްފައި އެހެން އިތުރު މެޝިނެއް މެދުވެރިކޮށް އާވި އުފައްދަނީ. އެހެންވެ މިއީ އާވިން އަޅުގަނޑުމެންނަށް ލިބޭ ފެނެއް. އެހެންވެ ވަރަށް ސާފު ފެނެއް ގޮތުގައި މި ލިބިގެން ދާނެ. މި ފެން އަޅުގަނޑުމެންގެ މުއައްޒިފުން ވެސް ބޭނުން ކުރާތާ 20 އަހަރު މިވީ. އެހެންވެ އޭގެ މައްސަލައެއް ނޫޅޭ ކަމާމެދު އެއްވެސް ޝައްކެއް ނެތް،" ޝުކޫރު ވިދާޅުވި އެވެ.

ސްޓެލްކޯ ފެން އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާ އެނާޖީ މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވީ
އިންޖީނުން އުފައްދާ ހޫނުން ފެން އުފެއްދުމަކީ ތިމާވެއްޓާ ރައްޓެހި ގޮތެއް ކަމަށާއި އަދި ފެނުގެ ސާފު ކަމާމެދު އިތުބާރު ލިބޭ ކަމެއް ކަމަށެވެ. އަދި ފެނުގެ މާކެޓުގައި އެހެން ބްރޭންޑުތަކާ އެއްވަރަށް ސްޓެލްކޯ ފެން ވެސް ވާދަ ކުރާނެ ކަމަށް އުމްނީދު ކުރާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ނަމަވެސް ފެން ޕްލާސްޓިކް ފުޅީގައި ބަނދުކޮށްފައި ހުންނާތީ އެ ފުޅި ރީސައިކަލް ކުރެވޭނެ ނިޒާމެއް މިހާރުން މިހާރަށް ގާއިމް ކުރަން ޖެހޭ ކަމަށާއި އެ ނޫންނަމަ ތިމާވެއްޓަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސްޓެލްކޯއިން ފެން ވިއްކާ އަގުތައް

  • 330 އެމްއެލް - ކޭހެއް 50.40 ރުފިޔާ
  • 500 އެމްއެލް - ކޭހެއް 52.80 ރުފިޔާ
  • 01 ލީޓަރު - ކޭހެއް 38.40 ރުފިޔާ
  • 1.5 ލީޓަރު - ކޭހެއް 52.80 ރުފިޔާ
  • 05 ލީޓަރު - ކޭހެއް 48.00 ރުފިިޔާ

"އަޅުގަނޑުމެން އަބަދުވެސް ދައްކާ ވާހަކައެއް މިއީ މިދިޔަ 10 އަހަރު ތެރޭގައި ރާއްޖޭގެ ކަނޑުތަކުގައާއި ގޮނދުދޮށުގައި ޕްލާސްޓިކް ފުޅި އުކާލާފައި ހުންނަ ވަރު ގިނަވާ ވާހަކަ. އެހެންކަމުން ކުންފުނީގެ ޒިންމާއެއް ފުޅި ރީސައިކަލް ކުރުމުގެ ވަސީލަތް ވެސް މިހާރުން މިހާރަށް ގާއިމް ކުރުން. އެހެންވެ އެކަމަށް މިއަދުން މިއަދަށް ފިޔަވަޅެއް އަޅަން އިލްތިމާސް ކުރަން،" ތޯރިގު ވިދާޅުވި އެވެ.