ހަބަރު

ގަމު ހޮސްޕިޓަލްގައި ފެން ޕްލާންޓެއް ބަހައްޓަން ދެ ބަޔަކަށް

ލ. ގަމު ރީޖަނަލް ހޮސްޕިޓަލުގައި އާރުއޯ ޕްލާންޓެއް ބަހައްޓަން ހަދާ އިމާރާތާއި އެ ޕްލާންޓް ބަހައްޓަން ހެލްތު މިނިސްޓްރީގެ ފަރާތުން ދެ ކުންފުންޏަކާއެކު އެއްބަސްވުމެއްގައި މިއަދު ސޮއި ކޮށްފި އެވެ.

ރޯޝަނީ ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން ދެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހިމެވެ. އާރުއޯ ޕްލާންޓެއް ބަހައްޓަން ހަދާ އިމާރާތުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ ރައިޒާ ޕްރައިވެޓް ލިމިޓެެޑްގެ ޑިރެކްޓަރު މުހައްމަދު އަފްސަން އެވެ. އަދި އާރުއޯ ޕްލާންޓް ބަހައްޓާ އެއްބަސްވުމުގައި ސޮއި ކުރީ ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން އިބްރާހިމް ޝަހުދު އެވެ.

ވިހި ޓަނުގެ އާރްއޯ ފެން ޕްލާންޓް 125 ދުވަހުގެ ތެރޭގައި ބަހައްޓަން ސްޓެޓިކް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ހަވާލު ކޮށްފައިވާނީ ދެ މިލިއަން ރުފިޔާ އަށެވެ. އަދި އެ ޕްލާންޓްގެ އިމާރާތް 80 ދުވަހުގެ ތެރޭގައި ރައިޒާ ޕްރައިވެޓް ލިމިޓެެޑާ ހަވާލު ކޮށްފައިވަނީ 1.4 މިލިއަން ރުފިޔާ އަށެވެ. ސަރުކާރުގެ ފަރާތުން ދެ ޕްރޮޖެކްޓަށް ޖުމްލަ 3.4 މިލިއަން ރުފިޔާ ހަރަދުކުރަން ހަމަޖެހިފައި ވެއެވެ.

ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ މިއަދު މި ހަވާލުކުރި ޕްރޮޖެކްޓްގެ ސަބަބުން ގަމު ހޮސްޕިޓަލަށް ބޭނުންވާ ވަރަށް ސާފު ބޯފެނުގެ ހިދުމަތް ލިބިގެންދާނެ ކަމަށާއި ކުރިން އެ ހޮސްޕިޓަލް އަށް ދިމާވާ ސާފު ބޯފެން ލިބުމުގެ މައްސަލައަށް ވަރަށް ބޮޑު ހައްލެއް ލިބިގެންދާނެ ކަމަށެވެ.

"ބައެއް ސިއްހީ ހިދުމަތްތަކަކީ ސާފު ބޯފެން ނުވަތަ ރައްކާތެރި ފެން ނުލިބޭނެ ނަމަ ނުދެވޭ ކަހަލަ ހިދުމަތްތައް. މިސާލަކަށް ޑައެލަސިސް. މީގެ ކުރިން ގަމު ހޮސްޕިޓަލަށް ސާފު ފެން ގެންނަނީ މާންދޫ ފެކްޓްރީއަކުން" މިނިސްޓަރު ވިދާޅުވި އެވެ.