ހަބަރު

ކަލާސް އެވޯޑަށް ކުރިމަތިލާން ހުޅުވާލައިފި

ގައުމީ އަދި ބައިނަލް އަގުވާމީ ފެންވަރުގައި ކުޅިވަރުގެ ދާއިރާއިން ރަން ވަނަތައް ހާސިލް ކުރާ ދަރިވަރުންނަށް ދޭ "ކަލާސް އެވޯޑު" ސެޕްޓެމްބަރު މަހު ބާއްވަން ނިންމައި، އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނުން އިންތިޒާމު ކޮށްގެން 2014 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ ކަލާސް އެވޯޑަކީ ތަރުބަވީ ތައުލީމުގެ ތެރެއިން ޒުވާނުން ފަންނީ ދާއިރާތަކަށް ހުނަރުވެރި ކުރުވުމުގެ ސިޔާސަތުގެ ދަށުން ގައުމީ އަދި ބައިނަލް އަގުވާމީ ފެންވަރުގައި ކުޅިވަރުގެ ދާއިރާއިން ރަން ވަނަތައް ހޯދާ ދަރިވަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ދެމުން އަންނަ އެވޯޑެކެވެ.

މިއަހަރުގެ ކަލާސް އެވޯޑް 13 ކުޅިވަރަކަށް ދިނުމަށް ހަމަޖެހިފައި ވާކަމަށާއި، އޭގެ ތެރޭގައި ހިމެނެނީ ފުޓް ބޯޅަ އާއި ވޮލީ އާއި އެތްލެޓިކްސް އާއި ބެޑްމިންޓަން އާއި ފތުމާއި ބާސްކެޓް ބޯލް އާއި ކުރިކެތާއި ނެޓް ބޯލް އާއު ޓެނިސް އާއި ޓޭބަލް ޓެނިސް އާއި ހޭންޑް ބޯލް އާއި ކެރަމް އަދި ޗެސް އަށް ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ބުނީ އެވޯޑް ދޭނީ ހަތަރު ކެޓަގަރިއަކަށް ބަހާލައިގެން 12 އަހަރުން ދަށާއި 14 އަހަރުން ދަށާއި 16 އަހަރުން ދަށާއި 18 ދަށަށް ކަމަށެވެ.

އިތުރަށް މިނިސްޓްރީން ބުނީ މި އެވޯޑަށް ދަރިވަރުން ހޮވުމުގައި ބަލަނީ ޕޮއިންޓު އުސޫލުން ތިން ކެޓަގަރީއަކަށް ބަހާލައިގެން ސުކޫލް ފެންވަރުގައްޔާއި ގައުމީ އަދި ބައިނަލް އަގުވާމީ ފެންވަރުގައި ހޯދާ ކާމިޔާބީތަކަށް ކަމަށެވެ. އަދި އިންޓާ ސުކޫލް މުބާރާތުގެ ބައިގައި ދެ ލެވެލްއެއް ހިމެނޭ އިރު މިބައިގައި ހިމެނެނީ ރާއްޖޭގެ ހުރިހާ ސުކޫލަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތްތަކާއި ސްކޫލްތަކުގެ މެދުގައި ވަކި ރީޖަނަކަށް ނުވަތަ އަތޮޅަކަށް އަމާޒު ކޮށްގެން ބާއްވާ މުބާރާތްތައް ނުވަތަ އެސޯސިއެޝަނަކުން އިންޓަރ ސްކޫލް މުބާރާތަކަށް ވުރެ ދަށްކޮށް ރޭންކް ކުރާ މުބާރާތްތައް ކަމަށް މިނިސްޓްރީން ބުންޏެވެ. އަދި ގައުމީ ފެންވަރުގެ މުބާރާތްތަކުގެ ގޮތުގައި ހިމެނެނީ އާންމުކޮށް ހުޅުވާލެވިގެން ބާއްވާ މުބާރާތްތަކާއި ހުނަރުވެރިކަމުގެ ގޮތުން ވަކި ފަންތި އަކަށް އަމާޒުކޮށްގެން ބާއްވާ މުބާރާތްތައް ނުވަތަ އެސޯސިއޭޝަނަކުން ގައުމީ މުބާރާތުގެ ދެވަނަ ކެޓަގަރީގައި ރޭންކް ކުރާ މުބާރާތްތައް ކަމަށާއި ބައިނަލް އަގްވާމީ މުބާރާތްތައް ބަހާލެވިފައިވާ ކެޓަގަރީގައި ހިމެނެނީ އޮލިމްޕިކް ގޭމްސް އާއި ރީޖަނަލް ގޭމްސް އާއި ސަބް ރީޖަނަލް ގޭމްސް އާއި އިންޓަނޭޝަނަލް ފެޑަރޭޝަން އަދި ކޮންފެޑަރޭޝަން ގޭމްސްތައް ކަމަށް ވެސް މިނިސްޓްރީން ބުނެފައި ވެއެވެ.

ކަލާސް އެވޯޑް 2016 އަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލާފައިވާއިރު އެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ޖޫން މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކަމަށް މިނިސްޓްރީން ބުންޏެވެ. މިއަަހަރުގެ އެވޯޑް ދިނުމަށް ހަމަޖެހިފައި ވަނީ ސެޕްޓެމްބަރު މަހުގެ ފަހު ހަފްތާގައި ކަމަށް މިނިސްޓްރީން ބުންޏެވެ.