ހަބަރު

އިއްސެގެ މަރާ ގުޅޭ ބިދޭސީންގެ ބަންދަށް 15 ދުވަސް

ހއ. އިހަވަންދޫގައި ހުންނަ އައިސް ޕްލާންޓުގައި މަސައްކަތް ކުރާ މުވައްޒަފް، އިސްމާއިލް އުމަރު (އިއްސެ) މަރާލި މައްސަލައިގައި ހައްޔަރު ކުރި ބިދޭސީންގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި މިހާތަނަށް ހައްޔަރުކޮށްފައި ވަނީ ހަ ބިދޭސީ އިން ކަމަށެވެ. އެ އެންމެންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކުޅުދުއްފުށީ ކޯޓަށް ގެންދިޔުމުން އެ މީހުންގެ ބަންދުގެ މުއްދަތު 15 ދުވަހަށް ޖަހަދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އިހަވަންދޫ އައިސްޕްލާންޓްގައި އިންޖިނިއަރެއްގެ ވަޒީފާ އަދާކުރާ އިއްސެ އައިސްޕްލާންޓްގެ ތެރޭގައި ޒަހަމްތަކަކާ އެކު މަރާލާފައި އޮއްވާ ފެނުނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އެވެ. އިއްސެ މަރާލި ކަމަށް ފުލުހުންގެ ތަހުގީގަށް އިއުތިރާފް ވަނީ، އޭނާގެ ދަށުން އައިސްޕްލާންޓްގައި މަސައްކަތްކުރި ޝުމޮންމިއާ ކިޔާ ބިދޭސީއެކެވެ. ދެން އެ މައްސަލައިގައި ހައްޔަރު ކުރި ބިދޭސީންއަކީ އިއްސެ މަރާލުމަށް އެކި ގޮތްގޮތުން ސުމޮންއަށް އެހީވި މީހުން ކަމަށްވެ އެވެ.

ސުމޮން އިއްސެ މަރާލީ ފައިސާގެ މައްސަލަތަކެއްގައި ކަމަށްވެ އެވެ.