ވިޔަފާރި

އުރީދޫއަށް 12 އަހަރު: ސާފު ފައިދާ 21 ޕަސެންޓް އިތުރުވެއްޖެ

އުރީދޫ އަށް މިއަދު 12 އަހަރު ފުރުނުއިރު، މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އެ ކުންފުނީގެ ސާފު ފައިދާ 21 ޕަސެންޓް އިތުރުވެފައިވާ ކަމަށް ބުނެފި އެވެ.

"އުރީދޫގެ 12 ވަނަ އަހަރީ ދުވަހު" ގެ މުނާސަބަތުގައި އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ކުންފުނީގެ ސީއީއޯ ނަޖީބު ހާން ވިދާޅުވީ އެ ކުންފުންޏަށް 12 އަހަރު ވެގެން ދިޔައިރު ކުންފުންޏަށް ވަނީ ހުރިހާ ގޮތަކުންވެސް ކުރިއެރުން ލިބިގެން ގޮސްފައި ކަމަށެވެ.

"އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އާމްދަނީ ވަނީ 801.9 މިލިއަން ރުފިޔާއިން ވަނީ 921.4 މިލިއަން ރުފިޔާއަށް އިތުރުވެފަ. ސާފު ފައިދާ ވެސް ވަނީ 250 މިލިއަން ރުފިޔާ އިން 303.4 މިލިއަން ރުފިޔާއަށް އިތުރު ވެފަ،" ނަޖީބު ވިދާޅުވި އެވެ.

ސީއީއޯ ވިދާޅުވީ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ކަސްޓަމަރުންގެ އަދަދު ހަތަރު ލައްކަ އަށް އިތުރުވެ، އަށް ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.

އުރީދޫގެ ބޯޑް މެންބަރު ދިޔާނާ ހުސެއިން ވިދާޅުވީ އެ ކުންފުންޏަށް ލިބުނު އެންމެ ފާހަގަ ކުރެވޭ ލަނޑުދަނޑިއަކީ ކާމިޔާބުކަމާއެކު އައިޕީއޯއެއް ނިންމާލެވުން ކަމަށެވެ.

"ރާއްޖޭގެ އެކި ހިސާބުތަކަށް ބެހިފައިވާ، ގިނަ އަދަދެއްގްގެ ހިއްސާދާރުންނަށް މަރުހަބާ ކިއުމުގެ ފުރުސަތު ލިބުން. އަޅުގަނޑުމެންގެ އައު ޕާޓްނަނަރުންގެ އެއްބާރުލުމާއިއެކު ރާއްޖޭގައި އުރީދޫގެ ކާމިޔާބު ދަތުރު އައު ހަރުފަތަކަށް ގެންގޮސް، އަޅުގަނޑުމެންގެ ލޮބުވެތި ކަސްޓަމަރުންގެ ހަޔާތަށް އިތުރު ފުރިހަމަކަމެއް ގެނެސް ދިނުން،" ދިޔާނާ ވިދާޅުވި އެވެ.

އުރީދޫން ބުނީ 12 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި މުޅި މަހަށް ބަހާލައިގެން ކަސްޓަމަރުންނަށް ހާއްސަ ކަންތައްތަކެއް ގެނެސްދޭނެ ކަމަށެވެ.

އެކެއް، އޮގަސްޓް 2005 ގައި ރާއްޖޭގައި ހިދުމަތް ދޭން ފެށި، އުރީދޫ އިން ވަނީ ރާއްޖޭގެ ޓެލެކޮމް އިންޑަސްޓްރީ އަށް ގިނަ އާ ހިދުމަތްތަކެއް ގެނެސްދީފަ އެވެ.