ވިޔަފާރި

އުރީދޫ ހިއްސާ ގަނެ ވިއްކަން ހުޅުވާލައިފި

  • ސެކަންޑްރީ މާކެޓުގައި މުއާމަލާތްތައް ކުރެވޭނެ
  • އުރީދޫން ހިއްސާއެއް ވިއްކީ 30ރ. ގެ ރޭޓުން
  • ރާއްޖޭގައި ބޭއްވި އެންމެ ބޮޑު އައިޕީއޯ

ރާއްޖޭގެ ހިއްސާގެ ބާޒާރުގައި އުރީދޫގެ ހިއްސާ ގަނެ ވިއްކަން މިއަދު ހުޅުވާލައިފި އެވެ.

އުރީދޫ މޯލްޑިވްސްގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރާއްޖޭގެ ހިއްސާގެ ބާޒާރުގައި އުރީދޫގެ ހިއްސާ ގަނެ ވިއްކަން ފައްޓަވައި ދެއްވީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ޗެއާމަން އަލާއު އަލީ އާއި އުރީދޫ މޯލްޑިވްސްގެ ސީއީއޯ ނަޖީބު ހާން އެވެ.

މި ރަސްމިއްޔާތުގައި އުރީދޫގެ ސީއީއޯ ނަޖީބު ވިދާޅުވީ ސެކަންޑްރީ މާކެޓުގައި ހިއްސާ ވިއްކަން ހުޅުވާލުމަކީ އައިޕީއޯގައި ހިއްސާ ނުގެނެވުނު މީހުންނަށް ހިއްސާ ގަންނަން އޮތް ފުރުސަތެއް ކަމަށެވެ.

"އުރީދޫގެ އައު ހިއްސާދާރުންނަށާއި، ހިއްސާ ގަނެވިއްކުމަށް ޝައުގުވެރިވާ ފަރާތްތަކަށް، އަޅުގަނޑުމެން ހޫނު މަރުހަބާ އެއް ދަންނަވަން. އައިޕީއޯ މެދުވެރިކޮށް ހިއްސާ ބައްލަވައި ނުގަނެވުނު ބޭފުޅުންނަށް، ސެކަންޑަރީ މާކެޓް ޓްރޭޑިންގ މެދުވެރިކޮށް އުރީދޫ އަށް އިންވެސްޓް ކުރުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވިފައި،" ނަޖީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުރީދޫގެ ހިއްސާ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ލިސްޓުކުރެވުމާއެކު، އުރީދޫ މޯލްޑިވްސް އަކީ ރާއްޖޭގެ އެންމެ ބޮޑު އެއް ލިސްޓެޑް ކުންފުނި، އަދި އެންމެ ބޮޑު ފްރީ ފްލޯޓް އެޑްޖަސްޓެޑް މާކެޓް ކެޕިޓަލައިޒޭޝަން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި އޮތް ކަން ކަމަށެވެ.

"އުރީދޫ މޯލްޑިވްސް ދަނީ އެއްދުވަހުން އަނެއްދުވަހަށް އިތުރު ކުރިއެރުންތައް ހޯދަމުން، އަދި މި ކާމިޔާބީގައި އަޅުގަނޑުމެންގެ ޙިއްޞާދާރުން ބައިވެރިކުރުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެއް. ޕަބްލިކް ލިސްޓެޑް ކުންފުންޏެއްގެ ގޮތުން، އަޅުގަނޑުމެން މަސައްކަތް ކުރަމުންދާނީ، ޙިއްޞާދާރުންނަށް އެންމެ ފައިދާ ކުރަނިވި ގޮތުގައި،" ނަޖީބު ވިދާޅުވި އެވެ.

އުރީދޫގެ ހިއްސާ ވިއްކަން ހުޅުވާލުމާއެކު، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ހަސަން މަނިކު ވިދާޅުވީ އުރީދޫ މޯލްޑިވްސްގެ ހިއްސާތައް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖުގައި ރަސްމީކޮށް ލިސްޓުކޮށް، ގަނެވިއްކުމަށް ހުޅުވުމުގެ އުފަލުގައި، އެކުންފުންޏަށް ތަހުނިޔާ ދަންނަވާ ކަމަށެވެ. އަދި އުރީދޫގެ އައިޕީއޯ އަށް ލިބިގެންދިޔަ ކާމިޔާބީއަކީ ރާއްޖޭގެ ކެޕިޓަލް މާކެޓަށްވެސް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އުރީދޫގެ ހިއްސާ ވިއްކަން ކުރިއަށް ގެންދިޔަ އައިޕީއޯއިން 14 މިލިއަން ހިއްސާ ވަނީ ވިކިފަ އެވެ. މިއީ 421 މިލިއަން ރުފިޔާގެ ހިއްސާ އެވެ. އުރީދޫ އިން ދޫކުރި ހިއްސާގެ 9.5 ޕަސެންޓް ވަނީ ވިކިފަ އެވެ. އެ ކުންފުނިން ހިއްސާއެއް ވިއްކާފައިވަނީ 30ރ. ގެ މަގުންނެވެ.