މ. އަތޮޅުގެ ރަށްތަކުގައި ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދިނުމުގައި ފާހަގަކުރެވިފައިވާ މައްސަލަތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް މުލަކަތޮޅުގެ ކައުންސިލްތަކުގެ އިސްވެރީންނާ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ރައީސް މުހައްމަދު ޝަހީބު ބައްދަލުކުރައްވައިފިއެވެ.
މުލީގައި ހުންނަ މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގައި މުލަކަތޮޅު ކައުންސިލްގެ އިތުރުން މުލީ، މަޑުއްވަރީ އަދި ދިއްގަރުގެ ކައުންސިލްތަކުގެ ވެރީން އަދި މުލަކަތޮޅު ޕޮލިސް ސްޓޭޝަނުގެ ވެރީން ބައިވެރިވެވަޑައިގެންނެވިއެވެ.
ބައްދަލުވުމުގައި ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ރާއްޖޭގެ އެކި ރަށްރަށުގައި ދިނުމުގައި ފާހަގަކުރެވިފައިވާ މައްސަލަތަކާ ބެހޭގޮތުން ކޮމިޝަނުން މައުލޫމާތު ހިއްސާކުރިއެވެ.
ފާހަގަ ކުރެވިފަައިވާ މައްސަލަތަކުގެ ތެރޭގައި ލައިސަންސް ނެތި ރީބްރޯޑްކާސްޓްކުރުމާއި ޗެނެލް ރައިޓްސް ނެތި އެއާޓެލް ފަދަ ސެޓެލައިޓް މެދުވެރިކޮށް ޚިދުމަތްދޭ ފަރާތްތަކުން ދޫކުރާ ޗެނެލްތައް ރީބްރޯޑްކާސްޓްކުރުން ހިމެނެއެވެ. އެއާޓެލްގެ ޗެނެލްތައް ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ރައިޓްސް ރާއްޖޭގެ އެއްވެސް ފަރާތަކަށް އެއާޓެލުން ދީފައިނުވާކަން ވެސް މި ބައްދަލުވުމުގައި ކޮމިޝަނުގެ ފަރާތުން ފާހަގަކުރިއެވެ. މ. އަތޮޅުގެ ހަތަރު ރަށަކަށް ރީބްރޯޑްކާސްޓްކުރުމަށް ލައިސަންސް ކޮމިޝަނުން މިހާތަނަށް ދޫކޮށްފައި ވާނީ ފަސް ފަރާތަކަށެވެ. އެހެން ރަށްތަކުގައި ވެސް ރީބްރޯޑްކާސްޓްކުރަމުން ދާނަމަ ގަވާއިދާ އެއްގޮތަށް ލައިސަންސް ހޯދައިގެން އެ ހިދުމަތް ދިނުމަށް ބާރު އަޅައިދެއްވުމަށާއި އަދި ރީބްރޯޑްކާސްޓިންގ އާ ގުޅިގެން ފާހަގަކުރި މި މައްސަލަތައް ހައްލުކުރުމަށް ކައުންސިލްތަކުގެ އެއްބާރުން ދެއްވުމަށް ވެސް ކޮމިޝަނުގެ ރައީސް އެދިވަޑައިގެންނެވިއެވެ.
އަދި ކޮމިޝަނުގެ މަސައްކަތައް އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން ކައުންސިލްތަކުން ވަނީ ކޮމިޝަނަށް ދީފައެވެ.
މި ބައްދަލުވުމުގައި ބްރޯޑްކާސްޓިން ކޮމިޝަނުގެ ނާއިބު ރައީސް މުޙައްމަދު އަސްލަމް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.