ހަބަރު

"ސްޓީލިން ޕެރެޑައިޒް" ދައްކައިގެން ކުރި ޖޫރިމަނާ މީޑިއާ ނެޓުން ދައްކައިފި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން މީޑިއާނެޓް ޖޫރި މަނާ ކުރި ފައިސާ އެ ކުންފުނިން ދައްކައިފި އެވެ. ބްރޯޑްކޮމް އިން މީޑިއާނެޓް ޖޫރިމަނާ ކުރީ ރާއްޖެއާ ބެހޭ ގޮތުން އަލްޖަޒީރާއިން ތައްޔާރު ކުރި އިންވެސްޓިގޭޓިވް ރިޕޯޓް "ސްޓީލިން ޕެރެޑައިޒް" ރީބްރޯޑްކާަސްޓް ކުރުމުންނެވެ.

މީޑިއާ ނެޓުން ޖޫރިމަނާގެ ފައިސާ ދައްކާފައިވާ ކަން ބްރޯޑްކޮމްގެ މެންބަރަކު "އަވަސް"އަށް މިއަދު ވަނީ ކަށަވަރު ކޮށްދެއްވައިފަ އެވެ. ގައުމީ ސަލާމަތަށް ނުރައްކާވާނެ ފަދަ ކޮންޓެންޓެއް ބްރޯޑްކާސްޓްކުރި ކަމަށް ނިންމާ ބްރޯޑްކޮމް އިން މީޑިއާނެޓް ޖޫރިމަނާ ކުރީ ފަސް ލައްކަ ރުފިޔާ އިންނެވެ. އޭގެ އިތުރުން މާފަށް އެދި ބަޔާނެއް ވެސް ހުށަހެޅުމަށް އެންގި އެވެ.

މިކަމާ ގުޅޭ ގޮތުން މީޑިއާ ނެޓްގެ ބަހެއް ލިބޭ ގޮތެއް ނުވި އެވެ.

އަލްޖަޒީރާގެ ސްޓީލިން ޕެރެޑައިޒްގައި ދައްކާފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި މި ސަރުކާރުގެ އިސްވެރިން ގުޅިގެންހިންގާފައިވާ ބޮޑެތި ޖަރީމާތަކާއި ކޮރޮޕްޝަންގެ އަމަލުތަކެވެ.