އަލްޖަޒީރާއިން އާންމު ކުރި ރާއްޖެއާބެހޭ ރިޕޯޓް "ސްޓީލިން ޕެރަޑައިސް" ދައްކާފައިވާތީ، ބްރޯޑްކާސްޓިން ކޮމިޝަނުން މީޑިއާ ނެޓް ޖޫރިމަނާކޮށްފައިވަނީ ރަނގަޅަށް ކަމަށް ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ. އެ މައްސަލާގައި މީޑިއާ ނެޓް ފަސް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް މާފަށް އެދެން އެންގި އެވެ.
ސިވިލް ކޯޓުން އެގޮތަށް ހުކުމްކުރީ އެ މައްސަލާގައި ޖޫރިމަނާކުރުމުން މީޑިއާ ނެޓް ސިވިލް ކޯޓަށް މައްސަލަ ވެއްދުމުންނެވެ. މީޑިއާ ނެޓުން ބްރޯޑްކާސްޓިން ކޮމިޝަނާ ދެކޮޅަށް ދައުވާކުރީ އެ ޖޫރިމަނާއަކީ ގާނޫނު އާސާސީއާ ހިލާފަށް ކޮށްފައިވާ ޖޫރިމަނާއެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށެވެ.
ނަމަވެސް ސިވިލް ކޯޓުގެ ގާޒީ އަލީ އަބްދުﷲ މި މަހުގެ 19 ވަނަ ދުވަހު ކުރެއްވި ހުކުމްގައި ބުނެފައިވަނީ މީޑިއާ ނެޓް ޖޫރިމަނާކޮށް މާފަށް އެދެން އަންގާފައިވަނީ ގާނޫނު އަސާސީއާ ހިލާފަށް ނޫން ކަމަށެވެ. އެހެންވެ، ޖޫރިމަނާކުރަން ނިންމި ނިންމުމަކީ ބާތިލް ނިންމުމެއް ކަމަށް ކަނޑައަޅާނެ ތަނެއް ނެތް ކަމަށެވެ.
އެގޮތަށް ގާޒީ އަލީ އަބްދުﷲ ހުކުމް ކުރައްވާފައިވަނީ "ސްޓީލިން ޕެރަޑައިސް"އަކީ ގައުމުގެ ސިތާދަތާއި އިސްތިގުލާލަށް ގެއްލުންވާ ކޮންޓެންޓު ހިމެނޭ ރިޕޯޓެއްކަން ހުށަހަޅާފައިވާ ލިޔުންތަކުންނާއި މީޑިއާ ނެޓް އަދި ބްރޯޑްކާސްޓިން ކޮމިޝަންގެ ބަހުން ވެސް ޝަރީއަތަށް ސާބިތުވާތީ އެވެ.
އަލްޖަޒީރާގެ ޕްރޮގްރާމް ގައިޑްގައި ހިމަނައި ޔޫޓިއުބުގައި އެ ރިޕޯޓް އާންމުކުރުމާއެކު ބްރޯޑްކާސްޓިން ކޮމިޝަނުން އެ ރިޕޯޓް ބްރޯޑްކާސްޓް ކުރުމާއި ރީބްރޯޑްކާސްޓް ކުރުމުގައި ސަމާލުވުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އެންގި އެވެ.
ސަމާލުވުމަށް އަންގާ ނެރުނު ބަޔާނުގައި އެ ކޮމިޝަނުން ބުނީ އަބުރުގެ ގާނޫނާއި ބްރޯޑްކާސްޓް ގާނޫނާއި އޭގެ ދަށުން ހަދާފައިވާ ގަވައިދުތަކާއި ކޯޑް އޮފް ޕްރެކްޓިސްއާ ހިލާފު އެއްވެސް އެއްޗެއް ބްރޯޑްކާސްޓް ކޮށް އަދި ރީބްރޯޑްކާސްޓްކުރިކަން ސާބިތުވެއްޖެނަމަ އެ ފަރާތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށެވެ.
އަލްޖަޒީރާއިން ދެއްކި "ސްޓީލިން ޕެރަޑައިސް" ރިޕޯޓަކީ، ދިވެހި ސަރުކާރުން ކޮރަޕްޝަންގެ ބޮޑެތި އަމަލުތައް ހިންގާ ކަމަށް ތުހުމަތުކޮށް، އަލްޖަޒީރާ އިންވެސްޓިގޭޓްސް އިން ތައްޔާރު ކުރި، ރިޕޯޓެކެވެ.