މީޑިއާނެޓް

ވޯލްޑް ކަޕް ޕެކޭޖު ރިސޯޓުތަކަށް ވިއްކަނީ 5،000 ޑޮލަރަށް

Oct 18, 2022

ފީފާ ވޯލްޑް ކަޕްގެ މެޗުތައް ބެލޭނެ ޕެކޭޖުތައް މީޑިއާ ނެޓުން 5،000 ޑޮލަރު -- 77،100 ރުފިޔާ އަށް ރިސޯޓުތަކަށް ވިއްކުމަށް ނިންމައިފި އެވެ.

ރިސޯޓުތަކުން ވޯލްޑް ކަޕް ބަލަން ބޭނުންވާނަމަ މެޗުތައް ބެލެނީ މީޑިއާނެޓްގެ ޕެކޭޖު ގަނެގެންނެވެ.

މީޑިއާނެޓުން ވަނީ ވޯލްޑްކަޕްގެ މި ސަރަހައްދުގެ ބްރޯޑްކާސްޓިން ރައިޓްސް ގަނެފައިވާ "ވަޔާކޮމް18" އިން ރީބްރޯޑްކާސްޓިން ރައިޓްސް އެއް މިލިއަން ޑޮލަރަށް ގަނެފަ އެވެ.

ވޯލްޑް ކަޕްގެ މެޗުތައް ދެއްކުމުގެ ރައިޓްސް ވިއްކުމަށް މީޑިއާނެޓުން ނިންމާފައިވަނީ ތިން ޗެނަލަކަށެވެ. އެއީ އައިސް ޓީވީ އާއި ރާއްޖެ ޓީވީގެ އިތުރުން ދައުލަތުގެ ޗެނަލެއް ކަމަށްވާ ޔެސް ޓީވީ އެވެ.

ވޯލްޑް ކަޕް ދެއްކުމުގެ ރައިޓްސް ދައުލަތުގެ މީޑިއާއިން މިފަހަރު ގަންނަނީ 333،000 ޑޮލަރު -– 5.1 މިލިއަން ރުފިޔާ އަށެވެ.

އަގަކާ ނުލައި ދެއްކުމަށް މަޖުބޫރުކުރާ ކުޅިވަރު ހަރަކާތްތަކުގެ ލިސްޓުން ވޯލްޑް ކަޕްގެ ފަށާ މެޗާއި ފައިނަލް މެޗު ނޫން ހުރިހާ މެޗުތައް އުނިކުރީ ބްރޯޑްކާސްޓިން ކޮމިޝަނުންނެވެ. އެއާއެކު ވޯލްޑްކަޕް ދައްކަން ބޮޑު އަގެއް ހޭދަކުރަން ޖެހިދާނެ ކަމުގެ ކަންބޮޑުވުން އެތައް ބަޔަކު ދަނީ ފާޅުކުރަމުންނެވެ.

ގަތަރުގައި ބާއްވާ ވޯލްޑް ކަޕް ފަށާނީ އަންނަ މަހުގެ 20 ވަނަ ދުވަހު އެވެ. 32 ޓީމު ވާދަކުރާ މުބާރާތް ޑިސެމްބަރު 18 ވަނަ ދުވަހާ ހަމައަށް ކުރިއަށްދާނެ އެވެ.