މީޑިއާނެޓް

ބޮޑު ސްކްރީން ބަހައްޓައިގެން ވޯލްޑް ކަޕް ދެއްކޭނެ: މީޑިއާނެޓް

ބޮޑު ސްކްރީން ބަހައްޓައިގެން އާންމު ތަންތަނުގައި ވޯލްޑް ކަޕްގެ މެޗުތައް ދެއްކޭނެ ކަމަށް މީޑިއާނެޓުން ބުނެފި އެވެ.

މީޑިއާނެޓުން މިހެން ބުނެފައި މިވަނީ ބޮޑު ސްކްރީން ބަހައްޓައިގެން ވޯލްޑް ކަޕްގެ މެޗުތައް ދެއްކުން މީޑިއާނެޓުން މަނާކޮށްފައިވާ ކަމަށް ބުނެ ބައެއް ނޫސްތަކުގައި ރިޕޯޓްކުރުމާ ގުޅިގެން އާންމުންގެ ފާޑުކިޔުން އެ ކުންފުންޏަށް ވަރަށް ބޮޑަށް އަމާޒުވެފައި ވަނިކޮށެވެ.

މީޑިއާނެޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ވިޔަފާރި އުސޫލުން ނޫންނަމަ ބޮޑު ސްކްރީން އަޅުވައިގެން އާންމު ތަންތަނުގައި ވޯލްޑް ކަޕުގެ މެޗުތައް ބެލުމަކީ އަދި ދެއްކުމަކީ މަނާ ކަމެއް ނޫނެވެ.

މީޑިއާނެޓުން އަމަލުކުރާނީ ފީފާގެ ގަވައިދުތަކާއި އެއްގޮތަށް ކަމަށާއި، ވޯލްޑް ކަޕް ބޮޑު ސްކްރީނުން ދައްކައިގެން އެ ކުންފުނިން ގާނޫނީ އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމުގެ ޔަގީންކަންވެސް ދީފައިވެ އެވެ.

"ދިވެހިންނަކީ ފުޓުބޯޅައަށް ލޯބިކުރާ ބަޔަކަށްވެފައި، ޒަމާނުއްސުރެ ވޯލްޑް ކަޕް އެއްކޮށް ބެލުމުގެ ސަގާފަތެއް އޮތުމާއިއެކު، ފީފާ އަދި ވޯލްޑް ކަޕްގެ ގަވައިދާއި އެއްގޮތްވާ ގޮތުގެ މަތިން ވޯލްޑް ކަޕް އާންމު ތަންތަނުގައި ބެލުމާއި ދެއްކުމަކީ މީޑިއާނެޓުން ހުރަސްއަޅާނެ ކަމެއް ނޫން،" ބަޔާނުގައި ވެއެވެ.

ގަތަރުގައި އަންނަ އާދީއްތަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގެ މެޗުތައް މީޑިއާނެޓުގެ އައިސް ޗެނަލުންނާއި ރާއްޖެޓީވީ އަދި ޕީއެސްއެމްގެ ޔެސް ޓީވީ އިން ދައްކާނެ އެވެ.