އެއްކާފް ސްޓޫޑިއޯ އާއި ރަވީ ފާރޫގު ގުޅިގެން މީޑިއާނެޓްގެ ވީޑިއޯ ކްލަބަށް ގެނެސްދިން ސީރީޒް “ހިންތާ”ގެ ލީޑުން ފެންނަ އައިޝަތު ރައިޝާ (ރާއީ)އަށް ސީރީޒް ބަލާ އެންމެންގެ ދުލުގައި އޮތީ ހުއްޓުމެއް ނެތް ތައުރީފެވެ.
ދާދި ފަހުން ވީޑިއޯ ކްލަބުން ސޯޝަލް މީޑިއާއަށް ދޫކޮށްލި ގާތްގަޑަކަށް ދޮޅު މިނެޓްގެ ކްލިޕެއް މިހާރު ވަނީ ވަރަށް ބޮޑަށް ވައިރަލް ވެފަ އެވެ.
ޓިކްޓޮކްގައި އެކަނިވެސް މި ވީޑިއޯއަށް ދެ ދުވަސް ތެރޭ އެއްލައްކައަށް ވުރެ ގިނަ ވިއުސް ވަނީ ލިބިފަ އެވެ. އަދި ވީޑިއޯއަށް ކޮމެންޓް ކުރި އެންމެންހެން ދަނީ ރާއީގެ އެކްޓިންއަށް ތައުރީފް ކުރަމުންނެވެ.
ކޮމެންޓްކުރި ބައެއް މީހުންގެ ނަޒަރުގައި ރާއީގެ އެކްޓިންއާ ގާތްކުރާ ވަރުގެ އެކްޓިން އެއްވެސް އެހެން ދިވެހި އަންހެން ފަންނާނަކަށް މިފަހުން ނުދެއްކެ އެވެ. އަދި ރާއީ ފިލްމު ކުޅޭނަމަ ރާއްޖޭގެ އެންމެ ޑިމާންޑް ބޮޑު އެކްޓަރަށް އޭނާ ވާނެ ކަމަށްވެސް ބައެއް މީހުން ބުނެފައިވެ އެވެ.
ޖެނުއަރީ މަހު ސްޓްރީމް ކުރަން ފެށި “ހިންތާ”އަކީ ކުޅަދާނަ ސްކްރީން ރައިޓަރު އަހްމަދު ޒަރީރު ލިޔެ, ރަވީ ފާރޫގު ޑައިރެކްޓްކޮށްފައިވާ ކޯޕަރޭޓް ތްރިލަ އެކެވެ.
ދުނިޔޭގެ އެންމެ ބޮޑު ފިލްމް ޑޭޓާބޭސްގައި “ހިންތާ”ގެ ޕްލޮޓް ސަމަރީގައި ބުނާ ގޮތުން "ހިންތާ" އަކީ ނުފޫޒު ގަދަ ޖޯޑު ޔުމްނާއާއި ޝިޔާޒްގެ ވާހަކަ އެވެ. ރާއްޖޭގެ އެންމެ ބޮޑު ތެޔޮ ކުންފުނީގެ ތެރޭގައި މޫލާފައިވާ ކޮރަޕްޝަންގެ ބޮޑު ވިއުގައެއް ޔުމްނާ ފަޅާ އަރުވާލާ ހިސާބުން ދެމީހުންގެ ކައިވެންޏަށްވެސް އެކަމުގެ އަސަރު ކުރެ އެވެ.
“ހިންތާ”އަކީ އެއްކާފުން އެންމެ ފަހުން ވީޑިއޯ ކްލަބަށް ގެނެސްދިން “ގަރީނާ"ގެ ބޮޑު ކާމިޔާބަށްފަހު ތައްޔާރުކުރާ ސީރީޒްއެކެވެ. މި ސީރީޒްގެ 7 އެޕިސޯޑް މިހާރު ވީޑިއޯ ކްލަބުން ސްޓްރީމް ކޮށްލެވޭނެވެ.