މީޑިއާނެޓް

އީދު ހަދިޔާއަކަށް "ހެހެސް"؛ މިހާރު ބަލާލެވޭނެ

ޔޫއްޕެ ޕްރޮޑަކްޝަން އާއި ޝައި ޕްރޮޑަކްޝަން އިން ގުޅިގެން އުފައްދާ ދިވެހި ފިލްމު "ހެހެސް" މީޑިއާނެޓް މެދުވެރިކޮށް ރިލީޒް ކޮށްފި އެވެ.

މި ފިލްމަކީ "އިން ފަހަނައެޅި އިޝްގް" މި ތީމުގެ ދަށުން އިޝްތިހާރު ކުރަމުން އައި ފިލްމެކެވެ. ފިލްމުގައި ފެނިގެން ދާނީ ހަތަރު އަންހެނުން އެ މީހުން ލޯބި ސިފަ ކުރާ ގޮތެވެ.

އެކެއްގެ ނަޒަރުގައި "ލޯތްބަކީ ދެ މީހުންގެ ދޭތެރޭގައި ހިނގާ ގުޅުންތަކެއް. ހިތްހަމަޖެހުމާއި އަޅާލުމާއި އޯގާތެރިކަމާއި ކުލުނު. އެކަކު އަނެކަކަށް ދަސްވާ ދަސްވުންތަކެއް،" އެވެ. ނަމަވެސް އަނެއް މީހާގެ ނަޒަރުގައި "ލޯތްބަކީ މުދަލާއި ފައިސާ. ތިމާ ބޭނުންވާ ކަމެއް ތިމާއަށް ކުރެވެން ޖެހޭނެ. ބޭނުން އެއްޗެއް ހޯދެން ޖެހޭނެ. ބޭނުންތާކަށް ދެވެން ޖެހޭނެ،" އެވެ.

ތިންވަނަ މީހާ ދެކޭ ގޮތުގައި "ލޯތްބަކީ ތިމާ ބޭނުންވާ ގޮތަށް އަނެކާ ލެބިގެން ހުރުން. ބެލުމުގެ ކަޅިއެއްވެސް، އެދުމުގެ ހަރަކާތެއްވެސް އަހަރެން ބޭނުންނުވާ ގޮތަކަށް ކޮށްގެން ނުވާނެ،" އެވެ. އެހާވެސް އެ މީހުން ލޯބި މާނަކޮށް ސިފަކުރާ ގޮތް ތަފާތެވެ.

ފިލްމުގައި އެންމެ މުހިންމު ރޯލުތަކުން ފެނިގެންދާނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އަލީ އާޒިމް (ދޮން އައްޔަ) އަދި އިބްރާހިމް ޖިހާދު (ޖިމީ) އާއި އިރުފާނާ އިބްރާހިމް (އިރޫ) އާއި ވާޝިޔާ މުހައްމަދު އަދި މަރިޔަމް ޝިފާ (ޝިފް) އެވެ. އަދި މުޅިން އަލަށް ތައާރަފްވާ ބައެއް ތަރިންނާއި ފިލްމުތަކުން ފެނިފައިވާ ބައެއް ތަރިންވެސް "ހެހެސް" ގެ އެކި ކެރެކްޓާތަކުން ފެނިގެން ދާނެ އެވެ.

ފިލްމަކީ ލޯބީގެ ތަފާތު ހާދިސާތަކެއް ދައްކުވައިދޭ ސަސްޕެންސް ތްރިލާއެކެވެ.

ފިލްމުގެ އެއް ޕްރޮޑިއުސަރު އިސްމާއީލް ޝަފީގު ބުނީ ފިލްމާ ދޭތެރޭ ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް ކަމަށެވެ. މިއީ ބެލުންތެރިންނަށް މި ކަހަލަ ވަގުތެއްގައި ދެވޭނެ ރަނގަޅު ހަދިޔާއަކަށް ވާނެ ކަމަށް ޝަފީގު އުންމީދު ކުރެއެވެ.

"މިއީ އެކްޓަރުންގެ ހުނަރުވެރިކަން ވަރަށް ބޮޑަށް ފެނިގެންދާ ތަފާތު މޮޅު ފިލްމަކަށްވާނެ ކަމުގެ ޔަގީންކަން ދެން،" މިހާތަނަށް ނިކުތް މޮޅެތި އެތައް ފިލްމެއްގެ ޕްރޮޑިއުސަރު ބުންޏެވެ.

"ހެހެސް" މީޑިއާނެޓް މެދުވެރިކޮށް މިހާރު ބަލައިލެވޭނެ އެވެ.