ޔޫއްޕެ ޕްރޮޑަކްޝަން އާއި ޝައި ޕްރޮޑަކްޝަން އިން ގުޅިގެން އުފައްދާ ދިވެހި ފިލްމު "ހެހެސް" ގެ ފަސްޓް ލުކް ދައްކާލައިފި އެވެ.
ފިލްމުގެ ފަސްޓްލުކް ރޭ ވަނީ ފޭސްބުކަށް ދޫކޮށްލާފަ އެވެ. ޑައިރެކްޓަރު އަދި އެކްޓަރު ޔޫސުފް ޝަފީއު ލިޔެފައިވާ ސްކްރީންޕްލޭއެއްގެ މައްޗަށް އުފައްދާފައިވާ މި ފިލްމަކީ ގިނަ ތަރިންތަކެއް ފެނިގެންދާނެ ތަފާތު މޮޅު ލޯބީގެ ފިލްމަކަށް ވާނެ ކަމަށް ބެލެވެއެވެ.
ފިލްމު އިޝްތިހާރު ކުރަމުންދަނީ "އިން ފަހަނައެޅި އިޝްގް" މި ތީމުގެ ދަށުންނެވެ. ފަސްޓްލުކް އިންވެސް ފިލްމުގައި ހިމެނޭ އިޝްގީ ރަހަ ވަރަށް ރަނގަޅަށް ބުނެދެއެވެ. އަދި ފިލްމުގައި ނޭވާ ހިފަހައްޓާލަން ޖެހޭ ކިތަންމެ ކަމެއް ދިމާވާނެ ކަން ތަސައްވުރެ ކޮށްލެވެއެވެ.
ޑައިރެކްޓަރު އަދި އެކްޓަރު މުހައްމަދު ނިމާލް ޑައިރެކްޓް ކޮށްފައިވާ "ހެހެސް" މި އަހަރު ބެލެންތެރިންނަށް ފެނިގެންދާނެ އެވެ. ފިލްމު ގެނެސްދޭން ހަމަޖެހިފައިވާ މީޑިއާ ނެޓްގެ މަލްޓި ސްކްރީން އެޕް މެދުވެރިކޮށެވެ.
ފިލްމުގައި އެންމެ މުހިންމު ރޯލުތަކުން ފެނިގެންދާނީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި އަލީ އާޒިމް (ދޮން އައްޔަ) އަދި އިބްރާހިމް ޖިހާދު (ޖިމީ) އާއި އިރުފާނާ އިބްރާހިމް (އިރޫ) އާއި ވާޝިޔާ މުހައްމަދު އަދި މަރިޔަމް ޝިފާ (ޝިފް) އެވެ. އަދި މުޅިން އަލަށް ތައާފަދްވާ ބައެއް ތަރިންނާއި ފިލްމުތަކުން ފެނިފައިވާ ބައެއް ތަރިންވެސް "ހެހެސް" ގެ އެކި ކެރެކްޓާތަކުން ފެނިގެން ދާނެ އެވެ.
ފިލްމަކީ ލޯބީގެ ތަފާތު ހާދިސާތަކެއް ދައްކުވައިދޭ ސަސްޕެންސް ތްރިލާއެކެވެ.
ފިލްމުގެ އެއް ޕްރޮޑިއުސަރު އިސްމާއީލް ޝަފީގު ބުނީ ފިލްމާ ދޭތެރޭ ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް ކަމަށެވެ. މިއީ ބެލުންތެރިންނަށް މި ކަހަލަ ވަގުތެއްގައި ދެވޭނެ ރަނގަޅު ހަދިޔާއަކަށް ވާނެ ކަމަށް ޝަފީގު އުންމީދު ކުރެއެވެ.
"ފިލްމުގެ މަސައްކަތް މުޅީން ކަހަލަ ގޮތަކަށް ނިމިފައިވާއިރު ވަރަށް ހިތްހަމަޖެހޭ. މިއީ އެކްޓަރުންގެ ހުނަރުވެރިކަން ވަރަށް ބޮޑަށް ފެނިގެންދާ ތަފާތު މޮޅު ފިލްމަކަށްވާނެ ކަން ޔަގީން ކުރެވޭ،" މިހާތަނަށް ނިކުތް މޮޅެތި އެތައް ފިލްމެއްގެ ޕްރޮޑިއުސަރު ބުންޏެވެ.
"ހެހެސް" މީޑިއާ ނެޓުން ގެނެސްދޭނެ ވަކި ތާރީހެއް އަދި ކަނޑައަޅާފައެއް ނެތެވެ.