ދިވެހި ސިނަމާ

އެމްއެސްޕީއޭގެ ފިލްމު އެވޯޑްސްގައި 19 ފިލްމެއް ބައިވެރިކޮށްފި

މޯލްޑިވްސް ސޮސައިޓީ ފޯ ޕާފޯމިން އާޓްސް (އެމްއެސްޕީއޭ) އިން އިންތިޒާމުކޮށްގެން ބާއްވާ ފިލްމު އެވޯޑްސްގައި 19 ފިލްމެއް ބައިވެރިކޮށްފި އެވެ.

އެމްއެސްޕީއޭ އިން ވަނީ އެވޯޑަށް ހުށަހެޅި 19 ފިލްމު އޮލިމްޕަހުގައި އަލުން ދެއްކުމަށް ފެސްޓިވަލެއް ކުރިއަށް ގެންދިއުމަށް ނިންމާފަ އެވެ.

ފެސްޓިވަލް ކުރިއަށް ދާނީ މި މަހުގެ 22-28 އަށެވެ.

ފެސްޓިވަލަށް ޓިކެޓް ވިއްކުމަށް ހަމަޖެހިފައިވަނީ ކޮންމެ ފިލްމަކަށް 50 ރުފިޔާ އެވެ. ސީޒަނަލް ޓިކެޓުގެ ގޮތުގައި 500 ރުފިޔާގެ އެއް ޓިކެޓް ނަގައިގެން ފެސްޓިވަލްގައި އަޅުވާ ހުރިހާ ފިލްމެއް ބަލައިލެވޭނެ އެވެ.

އެމްއެސްޕީއޭގެ ފިލްމު އެވޯޑް ހަފްލާ ބޭއްވުމަށް ހަމަޖައްސާފައިވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ރެ އެވެ.

މި ހަފްލާގައި 29 ކެޓަރަގަރީއަކުން އެވޯޑް ދިނުމަށް ހަމަޖެހިފައިވާއިރު މިހާރު ނިޔާވެފައިވާ ކުރީގެ މަޝްހޫރު އެކްޓަރު ޗިޅިޔާ މޫސާ މަނިކުގެ ނަމުގައި ދެ ބޭފުޅަކަށް ލައިފްޓައިމް އެވޯޑް އެޗީވްމަންޓް އެވޯޑް ދޭން ނިންމާފައިވެ އެވެ.

މިއަހަރު އެވޯޑް ދިނުމަށް ހަމަޖެހިފައިވަނީ 2018 ވަނަ އަހަރުގެ ޖެނުއަރީ އިން ފެށިގެން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ދައްކާފައިވާ ފިލްމުތަކަށެވެ.

އެމްއެސްޕީއޭ އަކީ ތަޖުރިބާކާރު އެކްޓަރު މުހައްމަދު ރަޝީދު (ދަރާ) އިސްކޮށް ހުރެގެން ކުރިއަށް ގެންދާ ޖަމިއްޔާ އެކެވެ.