އޮލިމްޕަސް އަލުން ހުޅުވުމަށްފަހު ފިލްމުތައް ދެއްކުމަށް ތައްޔާރުވަމުން އަންނަ އިރު، އޮލިމްޕަސް ހުޅުވާލާ ފަހުން ދައްކާލާ ފުރަތަމަ ފިލްމް ޕްރިމިއާ ކުރުމަށް ޑާކްރެއިން އެންޓަޓެއިންމަންޓްސް އޮތީ ތައްޔާރަށެވެ. އަންނަ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހު ދެއްކުމަށް ހަމަޖެހިފައިވާ ޑާކްރެއިންގެ ފިލްމް "ބީވީމާ"ގެ ފުރަތަމަ ލަވަ އިއްޔެ ވަނީ ސޯޝަލް މީޑިއާ އަށް ދޫކޮށްލާފަ އެވެ. "ހަދިޔާ" މި ލަަވައިން ދައްކައިދެނީ ފިލްމު ލީޑް ކުރާ ދެ ތަރިންގެ ސުކޫލު ދުވަސްވަރުގެ ލޯބީގެ މަންޒަރުތަކެކެވެ.
ދެމަފިރިން ކަމަށްވާ ނަސްމާ އަބްދުލް މުހުސިން އަދި އަހްމަދު ފަޒާލް ހުސައިންގެ އަޑުން ކިޔާފައިވާ މި ލަވައިގެ ޅެން ވެސް ހަދާފައިވަނީ ނަސްމާ އެވެ.
ޅެމުގައި ލަވައިގެ އަންހެން ބަތަލާ ސިފަކޮށްދީފައިވަނީ އަގުހުރި "ހަދިޔާ" އެއް ފަދައިންނެވެ. ހަވާލުވެފައިވާ އަމާނާތެއް ގޮތުގަ އެވެ.
އަހްމަދު ޒަރީރު ލިޔެ ޑައިރެކްޓް ކޮށް، އައިޝަތު ފުވާދު ތައުފީގު އަދި މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސް ކުރާ މި ފިލްމުގެ ފުރަތަމަ ލަވައިން ފެނިގެން ދަނީ ފިލްމުގެ ލީޑް ރޯލް އަދާކުރާ މަރިޔަމް އަޝްފާ އަދި އިސްމާއިލް ރަޝީދު (ކޮޕީ އިއްސެ)ގެ ސުކޫލު ދައުރެވެ. ރަށްފުށުގެ ދިރިއުޅުމާއި ސުކޫލު ދުވަސްވަރު އެ ދެމީހުންގެ މެދުގައި އޮތް ލޯބީގެ މާނަ ފުން ގުޅުމެވެ.
އަޝްފާ އާއި އިއްސެގެ ކުޑައިރުގެ ރޯލުން ފެނިގެން ދަނީ އަދި ފިލްމީ ދާއިރާގައި މާގިނަ ދުވަހެއް ނުވާ އައިމިނަތު ރަޝްފާ (އާޝާ) އާއި މުޅިން އަލަށް މި ދާއިރާއަށް ތައާރަފުވާ އާދަަމް ޒިދާން އެވެ. ޒިދާން އަކީ މޯލްޑިވިއަން އައިޑޮލް އިން މަގުބޫލުކަން ހޯދި ޒަކިއްޓެ އާއި އަމާންގެ އެއްބަނޑު ކޮއްކޮ އެެވެ.
މި ލަވައިގެ މިއުޒިކް ހަދާފައިވަނީ އަލީ ޒާހިލް، ޝަހީދު ލެގަސީ އަދި އަބްދުﷲ ޖާސިރް އެވެ.
ފިލްމާ ބެހޭގޮތުން މުހައްމަދު އަލީ (މޮގާ) ބުނީ އަޝްފާ ހުރީ ފިލްމުގައި ލީޑް އެކްޓްރެސްއެއްގެ ގޮތުގައި ކަމަށާއި އެހެންވީމާ "ޑިސަޕޮއިންޓް" ވާން ނުޖެހޭނެ ކަމަށެވެ. މިއީ ލަވަކިޔުންތެރިޔާ އަޝްފާ ފިލްމެއްގައި އެކްޓްރެސްއެއްގެ ގޮތުން ބައިވެރިވާ ފުރަތަމަ ފަހަރެވެ.
ފިލްމުގެ މަސައްކަތާއި ދޭތެރޭ މޮގާ ހިތްހަމަޖެހެ އެވެ. އަދި މި ލަވަ އަކީ ފިލްމުގެ ޑިރެކްޓަރު ޒަރީރުގެ ހާއްސަ އެދުމަކަށް ހަދާފައިވާ ވަރަށް ފުރިހަމަ ލަވައެއް ކަމަށް މޮގާ ގަބޫލުކުރެ އެވެ.
"ވަރަށް ފުރިހަމަ. ވަރަށް ރީތި މަސައްކަތެއް. ފިލްމުގެ އިތުރުން ލަވައަކީ ވެސް ހަމަ ހާއްސަ އުފެއްދުމެއް،" މޮގާ ވިދާޅުވި އެވެ.