r
ޑާކް ރެއިން

"ރޫމީ އާ ޖަންނަތު" ޖެނުއަރީ އެކެއްގައި ދައްކަން ފަށަނީ

ޑާކްރެއިން އެންޓަޓެއިމަންޓްގެ ވެބް ސީރީޒް "ރޫމީ އާ ޖަންނަތު" ގެ ފުރަތަމަ އެޕިސޯޑް ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ދެއްކުމަށް ހަމަޖައްސައިފި އެވެ.

މީޑިއާނެޓްގެ މަލްޓި-ސްކްރީން އެޕް މެދުވެރިކޮށް ގެނެސް ދިނުމަށް ހަމަޖެހިފައިވާ މި ވެބް ސީރީޒްގެ ފުރަަތަމަ އެޕިސޯޑް ހިލޭ ބަލާލެވޭނެ އެވެ. މި އެޕް އެޕް ސްޓޯ އަދި ގޫގުލް ޕްލޭ އިން މިހާރު ޑައުންލޯންޑް ކުރެވޭނެ އެވެ.

ގިނަ ތަރިންތަކެއް ފެނިގެންދާ މި ވެބްސީރީޒްގައި އެންމެ މުހިންމު ރޯލްތަކުން ފެނިގެންދާނީ އަބްދުﷲ ޝާފިއު (ފުބޫ) އާއި ނުޒުހަތު ޝުއައިބް (ނުޒޫ) އެވެ. މީގެ އިތުރުން ޝީލާ ނަޖީބް އަދި ރޯނު ހަސަން މަނިކުވެސް ފެނިގެންދާނެ އެވެ. އަދި މުހައްމަަދު ފައިސަލް އާއި އަހުމަދު ސައީދުގެ އިތުރުން އާދަމް ރިޒްވީ (ރެކްސް) ގެ އިތުރުން ތެރީސާ މޭ ވެސް މި ވެބްސީރީޒުން ފެނިގެންދާނެ އެވެ.

"ރޫމީ އާ ޖަންނަތު" ގެ މައިގަނޑު ކާސްޓުގެ އިތުރުން ކުދިކުދި ރޯލްތަކުން އަދިވެސް ގިނަ ތަރިންތަކެއް ފެނިގެންދާނެ އެވެ. "ރޫމީ އާ ޖަންނަތު" ގެ ތަރިންގެ ޕޯސްޓަރުތަކުން ފެންނަ ގޮތުގައި ނުޒޫއަކީ ސިފައިންގެ މީހެކެވެ. އަދި ފުބޫއަކީ ޝެފެކެވެ.

އަވަސްއާ ވާހަކަ ދައްކަމުން ޑާކްރެެއިންގެ ބާނީ މުހައްމަދު އަލީ (މޮގާ) ބުނީ ވެބްސީރީޒްގެ ފުރަތަމަ ސީޒަންގެ ޝޫޓިން ބާރަށް ކުރިއަށްދާ ކަމަށެވެ. ޝޫޓިންއަށް ހާއްސަކޮށްގެން މާލެެއިން ވަނީ އެޕާޓްމަންޓެއްވެސް ކުއްޔަށް ނަގާފައެވެ.

"މިހާރު ފުރަތަމަ ހަތް އެޕިސޯޑްގެ މަސައްކަތް ވަނީ ނިމިފައި. އަޅުގަނޑުމެން މި ދަނީ ޝޫޓިން ކުރިއަށްދާ ވަރަކަށް އެޑިޓިންގެ މަސައްކަތްވެސް ނިންމަމުން. ޑަބްކުރުމާއި ފައިނަލް އެޑިޓިން ދެން އޮންނާނީ،" މޮގާ ބުންޏެވެ.

"ރޫމީ އާ ޖަންނަތު" ގެ ސްކްރީންޕްލޭ ލިޔެފައިވަނީ އައިޝަތު ފުއާދު އަދި އަހުމަދު ތޮލާލެވެ. ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ) އަދި މުހައްމަދު ފައިސަލްއެވެ. ޕްރޮޑިއުސް ކުރަނީ މޮގާގެ އިތުރުން އައިޝަތު ފުއާދެވެ.

އައު ވެބްސީރީޒެއް ގެނެސް ދިނުމުގެ މަސައްކަތް ޑާކްރެއިންއިން ކުރަމުންދާއިރު އެ ސްޓޫޑިއޯއިން މިހާރު ދަނީ ބެލުންތެރިންނަށް ކުރު ފިލްމުތަކެއް ގެނެސް ދެމުންނެވެ. އެ ގޮތުން މިހާތަނަށް "ދައުވަތު" އަދި "އަނގުރު" ގެ ނަމުގައި ކުރު ފިލްމެއް ގެނެސްދީފައިވެއެވެ.

ޑާކްރެއިންއިން މިހާރުވެސް ގެންދަނީ ގިނަ ފިލްމުތަކެއްގެ މަސައްކަތް ކުރަމުންނެވެ. އެ މީހުންގެ ފިލްމް "ނޮވެންބަރު" ގެ މަސައްކަތް މުޅިން ނިމިފައިވާއިރު "ބަޅިނދު" އަދި "ބީވީމާ" ގެ މަސައްކަތް މިހާރު ވަނީ ފަށާފަ އެވެ. އަދި "ރެހެނދި ހަދީޖާ" ގެ ނަމުގައި ވެސް ފިލްމެއް އުފެއްދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ.