ފިނިޕޭޖް

ޑާކްރެއިންގެ އާ މޫނަކީ އަޝްފާ!

Sep 7, 2020

ޑާކްރެއިން އިން މިފަހަރު ހަަމަ ޔަގީނުން ވެސް ހައިރާން ކޮށްލައިފި އެވެ. ޑާކްރެއިން ޕްރޮޑަކްޝަން ހައުސް އަކީ، އަބަދުވެސް އެއް ބަޔަކަށް ފިލްމުތައް ކުޅެން ފުރުސަތު ދިނުމަށް މަޝްހޫރުވެފައި އޮންނަ ޓީމެކެވެ. އެމީހުންގެ އެންމެ ފޭވަރިޓް ޖޯޑު މަޖޫ އާއި ޖުމައިލް ދުރަށްޖައްސާލައި އާ ފިލްމެއް އިއުލާންކޮށް، ފަސްޓް ލުކްގެ ޕޯސްޓަރުތައް މިއަދު ދައްކާލައިފި އެވެ. އެންމެ ފުރަތަމަ ޕޯސްޓަރާއެކު، "ބީވީމާ" މި ފިލްމުގެ ލީޑް ތަރިއަކަށް ހުރީ ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާ އެވެ.

އަަޝްްފާ އަކީ ފިލްމުތަކުގެ ރޯލުތަކުން ފެންނަ މޫނެއް ނޫނެވެ. އަޝްފާ އާއި ފިރިމީހާ، ތޭރަގެ ޕްރައިވެޓް ލައިފްގެ ކަންކަަން ހަމަ ވަރަށް ވެސް ޕްރައިވެޓެވެ. ލަވައަކުން ދެމަފިރިން އެކުގައި ފެނުނަސް އެ ޖޯޑަކީ އަބަދުވެސް ސައިލެންޓް، ޖޯޑެއްގެ ގޮތުގައި ދާއިރާގައި ފާހަގަ ކުރެވޭ ބަޔެކެވެ. އަޝްފާގެ މި ނިންމުމުގެ ހުރި ވަރެއް އެނގޭނީ، ފިލްމު އައުމުންނެވެ.

އަޝްފާ ލީޑް ރޯލުގައި، ޑިސަޕޮއިންޓެއް ނުވާނެ

ބީވީމާ މި ފިލްމަކީ، ޑާކްރެއިން އެންޓަޓެއިންމަންޓުން ގެނެސްދޭ، އަހްމަދު ޒަރީރު ލިޔެ ޑައިރެކްޓް ކޮށްފައިވާ ލޯބީގެ ފިލްމެކެވެ. ޕްރޮޑިއުސަރުންނަކީ އައިޝަތު ފުވާދު ތައުފީގް އާއި މުހައްމަދު އަލީ އެވެ. ފިލްމާ ބެހޭގޮތުން މުހައްމަދު އަލީ (މޮގާ) އެންމެ ކުރިންވެސް ބުނީ މިހެނެވެ. އަޝްފާ އެހުރީ ލީޑް ރޯލުގަ އެވެ. ޑިސަޕޮއިންޓެއް ނުވާނެ އެވެ. އަޝްފާ އިންޓްރޮޑިއުސް ކުރާ މި ފިލްމުގައި އޭނާއަށް ލީޑް ރޯލެއް ދިން އިރު އެކްޓިން ވެސް ވަރަށް ކަމުދާ ކަމަށް މޮގާ ބުންޏެވެ.

"އަޅުގަނޑުމެން ކާސްޓުން ސެލެކްޓު ކުރި އިރު އެނގުނީ އަޝްފާ މިކަހަލަ ކަމަކަށް އިންޓްރެސްޓް ހުރި ކަން، ފިލްމުގެ ޝޫޓިން ބޮޑު ބައެއް ނިމުން އިރު ވަރަށް ތަފާތު ވަރަށް ޑެޑިކޭޓެޑް މީހެއްގެ ގޮތުގައި އަޝްފާ ފެނުނީ. އެއްވެސް އުނދަގުލެއް ނުވި މަސައްކަތް ކުރާކަށް. ފިލްމު ބައްލަވާ، ޑިސަޕޮއިންޓެއް ނުވާނެ"

ފިލްމުގައި އަޝްފާގެ ކެރެކްޓާ އާ ބެހޭ ގޮތުން އިތުރު ތަފްސީލެއް މޮގާ ދޭކަށް ބޭނުމެއް ނުވި އެވެ.

ފިލްމުގައި ޒަކިއްޓެގެ ކޮއްކޮ ޒިދާން

އަނެއްކާވެސް އާ ތަރި އެކެވެ. މިއީ މޯލްޑިވިއަން އައިޑޮލް އިން މަގުބޫލުކަން ހޯދި ޒަކިއްޓެ އާއި އަމާންގެ އެއްބަނޑު އެއްބަފާ ކޮއްކޮ، އާދަަމް ޒިދާން އެވެ. މި އާއިލާ އަކީ، ޑާކްރެއިން އަށް އާ އާއިލާ އެއް ނޫނެވެ. މީގެ ކުރިން، ޒަކިއްޓެ އާއި އަމާންވެސް ފިލްމުތަކުގެ ސައިޑްރޯލްތަކުން ފެނިފައިވެ އެވެ.

މޮގާ ބުންޏެވެ، މި އަށް ދެންް ނެޕޮޓިޒަމް އޭ ކިޔަންޏާ ކިޔޭނެ އެވެ. އެކަމަކު މޮގާ ބުނާ ގޮތުގައި ޒިދާން އަށްވެސް ލީޑް ރޯލެއް ދިނީ އުއްމީދީ ތަރި އެއް ވީމަ އެވެ.

އޭނާ ބުނި ގޮތުގައި، ފިލްމުގެ ބޮޑުބައި ޝޫޓް ކޮށް ނިމުނަސް، ފިލްމު އަޅުވާނެ ތާރީހެއް އެނގޭނީ ކޮވިޑް އަށް ފަހު އެވެ. އެކަމަކު އަަންނަ އަހަރަށް އެޅުވޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.

މި ފިލްމުގެ ލީޑް ރޯލުތައް ކުޅޭ އިތުރު ތަރިންގެ ތެރޭގައި އައިމިނަތު ރަޝްފާ (އާޝާ) އާއި އިސްމާއިލް ރަޝީދު(ކޮޕީ އިއްސެ) ވެސް ހިމެނެ އެވެ. ކޮޕީ އިއްސެ އާއެކު އެއް ފްްރޭމެއްގައި އަލަށް ތައާރަފު ކުރާ އަޝްފާ އާއި ޒިދާން އަދި ދާއިރާގައި މާ ގިނަ ދުވަހެއް ނުވާ އާޝާ އަށް ފައި ހަމަކޮށްލެވޭނެތޯ އެއީ ކުރެވޭ ސުވާލެކެވެ.

"ރެހެންދި ހަދީޖާ"ގެ ގޮތުގައި މިއުޒިކީ ދާއިރާ ފަތަހަ ކުރި އަޝްފާގެ އެ ލަވަ އާއި އޭނާގެ ވަރުގަދަ އަޑާއެކު ޑާކްރެއިންގެ މި ފިލްމު ކާމިޔާބު ވާނެކަން އެނގޭނީ އަދި ތަންކޮޅެއް ފަހުންނެވެ. އަަދި، ޑާކްރެއިން އިން މުޅިން އާ ދެ ތަރިންނާއެކު ނެގި މި ބޮޑު ފިޔަވަޅުގެ ހުރި ބޮޑު ކަމެއްވެސް އެނގޭނީ އަދި ފަހުންނެވެ. ފަަހަރުގައި އަޝްފާ އާއި ޒިދާން މިއީ ފިލްމީ ދާއިރާގެ އެހެން ތަރިންނަށް ގޮންޖަހާލެވޭ ބަޔަކަށްވެސް ވެދާނެ އެވެ. ޖެހޭނީ އިންތިޒާރު ކުރާށެވެ.