ކޮންމެ އަހަރެއްގެވެސް އޭޕްރީލް މަހުގެ ފަސްވަނަ ދުވަހަކީ ޑާކްރެއިން އެންޓަޓެއިންމަންޓަށް ހާއްސަ ދުވަހެކެވެ. މިފަހުން ކޮންމެ އަހަރުހެން އެ ސްޓޫޑިއޯގެ އައު ފިލްމެއް އެ ދުވަހު ބެލުންތެރިންނަށް ބަލާލަން ލިބެއެވެ.
ނަމަވެސް ކޮވިޑް19 ގެ ސަބަބުން ކުރިމަތިވެފައިވާ ހާލަތުން މިއަދު އޮލިމްޕަސްވެސް ވަނީ ބަންދުކޮށްފައެވެ. އެހެން ކަމުން ޑާކްރެއިންއަށް އައު ފިލްމެއް މިއަހަރުގެ މި ތާރީހުގައި ގެނެސްދެވޭ ގޮތް ނުވީއެވެ.
ނަމަވެސް ބެލުންތެރިންނަށް ޑާކްރެއިންގެ ފަރާތުން މިވަނީ އުފާވެރި ހަބަރެއް ގެނެސްދީފައެވެ. އެއީ ދިވެހި ތާރީހުގައި ވެރިކަން ކުރެއްވި ވެރިންގެ ތެރެއިން ފާހަގަކޮށްލެވޭ މަޝްހޫރު "ރެހެންދި ހަދީޖާ" ގެ ހަޔާތުގެ މައްޗަށް ފިލްމެއް އުފައްދަން ނިންމާ އެކަން އިއުލާނު ކުރުމެވެ.
ޑާކްރެއިން އިން މިއަދު ވަނީ އެ ސްޓޫޑިއޯގެ އައު ޕްރޮޖެކްޓް "ރެހެންދި ހަދީޖާ"ގެ ޕޯސްޓަރަކާއެކު ފިލްމުގެ މަސައްކަތް ފަށާފައިވާކަން ހާމަކޮށްފައެވެ. އެގޮތުން މިހާރު ވަނީ "ރެހެންދި ހަދީޖާ" ގެ ހަޔާތުގެ އެކި ވާހަކަތައް ދިރާސާކޮށް ވާހަކަ ލިޔެ ތައްޔާރުކޮށްފައެވެ. ކުރިއަށް ދެން އޮތީ ސްކްރީންޕްލޭ ތައްޔާރު ކުރުމެވެ.
އެ މަސައްކަތް ކުރަނީ ޑާކްރެއިންގެ ކާމިޔާބު ފިލްމުތަކުގެ ވާހަކަތައްވެސް ލިޔެދީފައިވާ އައިޝަތު ފުއާދުގެ އިތުރުން އަހުމަދު ތޮލާލެވެ.
ފިލްމް ޕްރޮޑިއުސްކުރާނީ މުހައްމަދު އަލީ (މޮގާ) ގެ އިތުުރުން އަންހެނުން އައިޝަތު ފުއާދެވެ. "ރެހެންދި ހަދީޖާ" ޑައިރެކްޓް ކުރާނީ ޒުވާން ޑައިރެކްޓަރު އަހުމަދު ޝިނާނެވެ.
އަވަސްއާ ވާހަކަދައްކަމުން ޑާކްރެއިންގެ ވެރިޔާ މުހައްމަދު އަލީ (މޮގާ) ބުނީ ފިލްމަށް އަދި ކާސްޓުން ފައިނަލް ކޮށްފައިނުވާ ކަމަށެވެ. އެހެން ކަމުން ރެހެންދި ހަދީޖާގެ ރޯލުން ފެންނާނެ ތަރިއަކަށް އަދި އޮތީ އިންތިޒާރު ކުރަން ޖެހިފައެވެ.
"...ހަގީގަތުގައި މި މަސައްކަތް ކުރަމުންދާތާ މިހާރު ވަނީ ދުވަސްތަކެއްވެފައި. އެގޮތުން މުޅި ހާދިސާގެ ތާރީހީ މައުލޫމާތުތައް އެއްކޮށް، ސްޓޯރީ ޑިވެލޮޕްކޮށް މިހާރު ވަނީ ނިމިފައި. ކުރިއަށް ދެން އޮތީ ސްކްރީންޕްލޭގެ މަސައްކަތް. މިވަގުތު ކާސްޓުން ފައިނަލްވެފައި ނެތް ނަމަވެސް އެކަންވެސް މަޑުމަޑުން ކުރަމުން މި ގެންދަނީ." ރަސްކަމުގެ ތާޖާއެކު ފެންނާނެ ތަރިއަކީ ކޮބައިތޯ ސުވާލު ކުރުމުން މޮގާގެ ޖަވާބަކީ މިއީއެވެ.
ޑާކްރެއިންގެ ފަރާތުން މިހާރުވެސް ދަނީ ދެ ފިލްމެއްގެ މަސައްކަތް ނިންމަމުންނެވެ. އެއީ އަސަރުގަދަ ލޯބީގެ ފިލްމް "ނޮވެންބަރު" އަދި ބިރުވެރި ފިލްމެއް ކަމަށްވާ "ބަޅިނދު" އެވެ.