ދިވެހި ސިނަމާ

"ނޮވެންބަރު"ގެ ޝޫޓިން ފަށައިފި

ޑާކްރެއިން އެންޓަޓެއިންމަންޓުގެ އާ ފިލްމު "ނޮވެންބަރު" ގެ ޝޫޓިން ފަށައިފި އެވެ.

"މާމުއި" ގެ ކާމިޔާބީއަށްފަހު ޑާކްރެއިންއިން ގެނެސްދޭ ފިލްމު "ނޮވެންބަރަ"ކީ ލޯބީގެ އަސަރު ގަދަ ވާހަކައެއްގެ މައްޗަށް އުފައްދާ ފިލްމެކެވެ.

ޑާކްރެއިންގެ ވެރިޔާ މުހައްމަދު އަލީ (މޮގާ) ބުނި ގޮތުގައި "ނޮވެންބަރު" ގެ މުހިންމު ރޯލުތަކުން ފެނިގެން ދާނީ ޖުމައްޔިލް ނިމާލް އާއި މަރިޔަމް މަޖުދާ އެވެ. އަދި "މާމުއި" އިން ބެލުންތެރިންގެ މެދުގައި މަގުބޫލުކަން ހޯދި އަލީ ޝިފާއުގެ އަންހެނުން އައިޝަތު ޔާދާ ވެސް "ނޮވެންބަރު" ން ފެނިގެންދާނެ އެވެ.

ކުރީގެ ފިލްމީ ތަރި އިސްމާއީލް ވަޖީހު ވެސް މި ފިލްމުން ފެންނާނެ އެވެ. އަދި ޚާއްސަ ފެނިލުމަކުން އައިޝަތު ރިޝްމީ ވެސް އަންނާނެ އެވެ. އަދި ގިނަ އަދަދަކަށް އާ ކުދިންނަށްވެސް ފުރުސަތު ދީފައި ވެއެވެ.

މޮގާ ބުނީ ފިލްމުގެ މަންޒަރުތައް މާލޭގެ އިތުުރުން އަތޮޅުތަކުގެ ބައެއް ރަށްރަށުގައި ނަގާނެ ކަމަށާއި ފިލްމުގެ މުހިންމު މަންޒަރުތައް ނަގާނީ ސިންގަޕޫރުގައި ކަމަށެވެ.

"ނޮވެންބަރަކީވެސް ވަރަށް ޑްރާމް ޕްރޮޖެކްޓެއް. އަދި މިއީ ވަރަށް ބޮޑު ރިސްކެއްވެސްމެ. އަޅުގަނޑުމެން އަބަދުވެސް ބޭނުންވަނީ ތަފާތު ފިލްމެއް ގެނެސްދޭން.. އެންމެ ފަހުން ގެނެސްދިން މާމުއި ކިތަންމެ ކާމިޔާބު ނަމަވެސް ކޮމެޑީ އެއްޗެއްގެ ބަަދަލުގައި ލަވް ނުވަތަ ރޮމޭންސް ފިލްމެއް މި އުފައްދަނީ ވެސް އެ ބޭނުމުގައި." މޮގާ ބުންޏެވެ.

ޑާކްރެއިންގެ 13 ވަނަ ފިޗާ ފިލްމު "ނޮވެންބަރަ" ކީ އައިޝަތު ފުއާދު އާއި އަހުމަދު ތޮލާލްގެ ސްކްރީން ޕްލޭއަކަށް ތައްޔާރުކުރާ ފިލްމެކެވެ.ޑައިރެކްޓްކުރާނީ ކުޅަދާނަ ޑައިރެކްޓަރު އަލީ ޝިފާއު (ޗިއްޕެ) އެވެ. ފިލްމު ސްކްރީން ކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރު އެވެ.

އެ ސްޓޫޑިއޯގެ ފިލްމު "ބަޅިނދު" ގެ ޝޫޓިން ވެސް އޮކްޓޫބަރުގެ ފަށާނެ އެވެ.