މީޑިއާނެޓް

ގަވާއިދާ ހިލާފަށް ޗެނަލްތައް ނުދެއްކުމަށް މީޑިއާނެޓުން އެދިއްޖެ

މީޑިއާނެޓުން ރީބްރޯޑްކާސްޓުކުރުމުގެ ލައިސަންސް ހޯދާފައިވާ ޗެނަލްތައް ގަވާއިދާ ޚިލާފަށް ނުދެއްކުމަށް އެކުންފުނިން އެދިއްޖެ އެވެ.

މީޑިއާނެޓުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މީޑިއާނެޓުން ޑިސްޓްރިބިއުޝަން ހައްގު ހޯދާފައިވާ ގިނަ ޗެނަލްތަކެއް ގަވާއިދާ ޚިލާފަށް، ބައެއް ފަރާތްތަކުން ދައްކަމުންދާ ކަން އެނގިފައިވާ ކަމަށެވެ. އެގޮތަށް ޗެނަލްތައް ދައްކަމުންދާ ފަރާތްތަކުގެ ތެރޭގައި ޓޫރިސްޓުންނަށް ޚިދުމަތްދޭ ގެސްޓްހައުސް ތަކާއި، ހޮޓެލްތަކާއި، ރިސޯޓްތައް ފާހަގަކުރެވިފައިވާ ކަމަށް ބަޔާނުގައިވެ އެވެ. އެފަދަ ފަރާތްތަކާ މެދު ބްރޯޑްކާސްޓްކުރުމުގެ ގާނޫނު އަދި ކޮޕީރައިޓާއި އެއާ ގުޅޭ އެހެނިހެން ހައްގުތަކުގެ ގާނޫނުގެ ދަށުން ގާނޫނީ ފިޔަވަޅު އަޅާނެ ކަންވެސް ހަނދާންކޮށްދީފައިވެ އެވެ.

މީޑިއާނެޓުން ވަނީ އެކުންފުނިން ޑިސްޓްރިބިއުޝަން ހައްގު ހޯދާފައިވާ ޗެނަލްތައް ގާނޫނުތަކާއި ގަވައިދުތަކާއި ހިލާފަށް ދައްކަމުންދާ ފަރާތްތަކުގެ މައްސަލަ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ސަމާލުމަކަށް ގެނެސް އެފަރާތްކަށް ފިޔަވަޅު އަޅައިދިނުމަށް ވެސް އެދިފަ އެވެ.

މީޑިއާނެޓަކީ ދިވެހިރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ކޭބަލް ޓީވީ އޮޕަރޭޓްކުރާ އަދި ގިނަ އަދަދެއްގެ ޗެނަލްތައް ރާއްޖޭގައި ރީބްރޯޑްކާސްޓް ކުރުމުގެ ހައްގު ލިބިފައިވާ ކުންފުންޏެކެވެ. މީޑިއާނެޓުން ދައްކާ ޗެނަލްތަކުގެ ތެރޭގައި ގިނަ އަދަދެއްގެ ބޭރު ޗެނަލްތަކާއި ލޯކަލް ޗެނަލްތަކުގެ އިތުރުން އައިސް ޓީވީވެސް ހިމެނެ އެވެ. ބޭރު ޗެނަލް ތަކު ތެރޭގައި ޕީއެލް ޓީވީ، ސްޓާ ސްޕޯޓްސް 1، ސްޓާ ސްޕޯޓްސް 2، ބޫމަރޭންގް، ކާޓޫން ނެޓްވޯކް، ވޯނަރ ޓީވީ، ސީއެންއެން، ކިއުރޯސިޓީ ސްޓްރީމް، ޒީޓީވީ އެޗް ޑީ ފަދަ ޗެނަލްތައް ހިމެނެ އެވެ.