ހަބަރު

މީޑިއާނެޓް 52،000 ރުފިޔާއިން ޖޫރިމަނާކޮށްފި

Jun 21, 2018

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކޭބަލް ޓީވީގެ ހިދުމަތްދޭ މީޑިއާނެޓުން ބްރޯޑްކާސްޓިން ކޮމިޝަނުން ފާސްކޮށްދީފައިވާ ޕެކޭޖާ ހިލާފަށް ޕެކޭޖަކަށް ބަދަލު ގެނެސްގެން ހިދުމަތްދީފައިވާތީ 52،000ރ. އިން ޖޫރިމަނާކޮށްފި އެވެ.

ބްރޯޑްކޮމް އިން ބުނީ، މީޑިއާނެޓް ޖޫރިމަނާ ކޮށްފައިވަނީ އެކުންފުންޏަށް ފާސްކޮށްދީފައިވާ ‘ހިޓްސް’ ޕެކޭޖާއި މީޑިއާ ނެޓުން ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތުގައި ހިމަނާފައިވާ ‘ހިޓްސް’ ޕެކޭޖުގެ ޗެނަލްތަކުގައި ތަފާތުތަކެއް ހުރުމުން ކަމަށެވެ.

ބްރޯޑްކޮމް އިން ބުނީ، އެ ކޮމިޝަނުން 29 މެއި 2016 ގައި ފާސްކޮށްދީފައިވާ “މީޑިއާ ނެޓް ހިޓްސް ޕެކޭޖް” ގައި ހިމެނޭ އަސާސީ ޕެކޭޖަށް ތިން ފަހަރެއްގެ މަތިން މީޑީއާ ނެޓުން ބަދަލު ގެނެސްފައިވާކަން އެ ކޮމިޝަނުގެ ތަހުގީގަށް ސާބިތުވެފައިވާތީވެ ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދާ މީޑިއާ ނެޓުން ހިލާފުވެފައިވާ ކަމަށެވެ. އެހެންކަމުން ކޮމިޝަނަށް އެންގުމަކާ ނުލައި އަސާސީ ޕެކޭޖަށް ބަދަލުގެނެސްފައިވާ ކޮންމެ ފަހަރަކަށް 2,000ރ. ގެ މަގުން ޖުމްލަ 6,000ރ. އިން މީޑިއާ ނެޓުން ޖޫރިމަނާކުރުމަށް ނިންމާފައިވާ ކަމަށް ބްރޯޑްކޮމް އިން ބުންޏެވެ.

އޭގެ އިތުރުން ޑިއާ ނެޓަށް ރީބްރޯޑްކާސްޓްކުރުމުގެ ހައްގު ލިބިފައިނުވާ 23 ޗެނަލް ހިމަނައިގެން “މީޑީއާ ނެޓް ހިޓްސް ޕެކޭޖް” ގެ ހިދުމަތް ދީފައިވާތީ، ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ 18 ވަނަ މާއްދާއާ މީޑިއާ ނެޓުން ހިލާފްވެފައިވާ ކަމަށް ކަނޑައަޅައި ކޮންމެ ޗެނަލަކަށް 2,000ރ. މަގުން ޖުމްލަ 46,000ރ. އިން މީޑިއާ ނެޓް ޖޫރިމަނާކުރުމަށް ނިންމާފައިވާ ކަމަށް ބްރޯޑް ކޮމް އިން ބުންޏެވެ.

ބްރޯޑްކޮމް އިން ބުނީ، ޖޫރިމަނާ ފައިސާއަށްވާ ޖުމްލަ 52,000ރ. މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ކޮމިޝަނަށް ދެއްކުމަށާއި ކޮމިޝަނުން ފާސްކޮށްފައިވާ ޕެކޭޖަށް އުނިއިތުރުގެންނަމަ އެކަން ކޮމިޝަނަށް އެންގުމަށެވެ. އަދި ރީބްރޯޑްކާސްޓްކުރުމުގެ ހައްގު ލިބިފައިނުވާ ޗެނަލްތައް ދެއްކުން ވަގުތުން ހުއްޓާލުމަށާއި ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި ރީބްރޯޑްކާސްޓްކުރުމުގެ ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް މީޑިއާ ނެޓަށް އަންގާފައި ވެއެވެ.