ހަބަރު

"ރާއްޖެއަށް ޓޫރިސްޓުންގެ އޮންނަ ޝައުގުވެރިކަން އެބަ ފަނޑުވޭ"

ބޭރު ފަރާތްތަކުގެ މެދުގައި ރާއްޖޭގެ ފަތުރުވެރިކަމަށް އޮންނަ ޝައުގުވެރިކަން ފަނޑުވަމުން ދާ ކަމަށް މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ)ގެ ރައީސް އަބްދުﷲ ގިޔާސް ވިދާޅުވެއްޖެ އެވެ.

ނިއު ޔޯކް ޓައިމްސް އާއި އަވަސް ގުޅިގެން ނެރުން "އައިލްސް" މެގަޒިން އިފްތިތާހު ކުރުމަށް އިއްޔެ ޗަމްޕާ ސެންޓްރަލްގައި . ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ގިޔާސް ވިދާޅުވީ ތާރީހު ނުދެކޭ ފަދަ ބޮޑު އިންގިލާބަކާ ދިމާލަށް ރާއްޖެ މިސްރާބު ޖަހާފައިވާ އިރު ޓޫރިޒަމް މާކެޓުގައި އެންމެ ކުރީ ސަފުގައި ދެމި ތިބުން ވަރަށް މުހިންމު ކަމަށެވެ. ނަމަވެސް މިދިޔަ ދެ ހަފްތާގެ ތެރޭގައި މެދު އިރުމަތީގެ ބައެއް ގައުމުތަކަކަށް ވަޑައިގެން ޓޫރިޒަމް ދާއިރާއާ ގުޅުން ހުރި ފަރާތްތަކާ މަޝްވަރާ ކުރެއްވި އިރު ރާއްޖޭގެ ފަތުރުވެރިކަމަށް އޮތް ޝައުގުވެރިކަން މަޑު މަޑުން ފަނޑުވަމުންދާ ކަން ފާހަގަ ކުރެވުނު ކަމަށް ގިޔާސް ވިދާޅުވި އެވެ.

"މިއީ ވަރަށް ސީރިޔަސް މައްސަލައެއް، ދުވަހުން ދުވަހަށް ރާއްޖޭއާ މެދު އޮތް ޝައުގުވެރިކަން އެބަ ފަނޑުވޭ، މިއީ މިއަދު ގަބޫލު ކުރަން ކުރަން ޖެހޭ ހަގީގަތެއް، އެހެންކަމުން ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކޮށް ޓޫރިޒަމް ދާއިރާގެ ކުރީ ސަފަށް އަނެއްކާ ވެސް ރާއްޖެ ގެންނަން މަސައްކަތް ކުރަން ޖެހޭ،" ގިޔާސް ވިދާޅުވި އެވެ.

ރާއްޖެ މިއަދު އޮތް ހާލަތުން އިތުރަށް ކުރިޔަށް ދިޔުމަށް ޓޫރިޒަމް ދާއިރާގެ މުހިންމުކަން ދެނެގަނެގެން ކުރިއެރުވުމަށް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ގިޔާސް ވިދާޅުވި އެވެ. އަދި ނިއު ޔޯކް ޓައިމްސް ފަދަ ބައިނަލްއަގުވާމީ މީޑިއާ ވަސީލަތަކާ ގުޅިގެން، އަވަސް އިން ގެނެސްދިން އައިލްސް މެގަޒިން އިން އެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ހޯދައިދޭނެ ކަން ގަބޫލު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މިއީ ޓޫރިސްޓުންގެ ޝައުގުވެރިކަން ރާއްޖެއަށް އިތުރު ކުރަން ހުޅުވޭނެ ދޮރެއް ކަމަށް އޭނާ ވިދާޅުވި އެވެ.