ވިޔަފާރި

ކޭބަލާ ނުލައި އުރީދޫން ބްރޯޑްބޭންޑުގެ ހިދުމަތް ފަށައިފި

"ފެން ތައްޓެއް ބޯލާހާ ފަސޭހަ، ސެލްފީއެއް ނަގާލާހާ ފަސޭހަ" އުރީދޫން ބްރޯޑް ބޭނުންޑު އިންޓަނެޓުގެ ހިދުމަތް ތައާރަފު ކުރުމަށް ކުރިއަށް ގެންދިޔަ ކެމްޕޭން މަޝްހޫރު ކުރީ މި ގޮތަށެވެ. ގިނަ ބަޔަކު ހޯދަން ބޭނުންވީ އެ ފަސޭހައަކީ ކޮބައި ބާއެވެ؟ އެންމެ ފަހުން އެ ކުންފުނިން މިވަނީ ތަފާތު ކެމްޕޭނަކާއެކު "ފަސޭހަ ބްރޯޑްބޭންޑް" ގެ ނަމުގައި އާ ހިދުމަތެއް ގެނެސް ދީފަ އެވެ.

އުރީދޫ އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސެއްގައި އެ ކުންފުނީގެ ސީއީއޯ ނަޖީބު ހާން ވިދާޅުވީ ބްރޯޑް ބޭންޑް އިންޓަނެޓުގެ ހިދުމަތަށް ބަދަލުތަކެއް ގެނައީ ދިރިއުޅުމަށް އެންމެ ބޮޑު ބަދަލެއް ގެނުވާ އެއް ހިދުމަތަކީ މިއީ ކަމަށްވުމުން ކަމަށެވެ.

"ދިރާސާތަކުން ދައްކަނީ އެންމެ ބޮޑު ތަފާތެއް ގެނުވާ އެއް ހިދުމަތަކީ ބްރޯޑްބޭންޑް އިންޓަނެޓު ކަމަށް. އެހެންވެ އުރީދޫއަށް އިންޓަނެޓުގެ ހިދުމަތް ދިނުމަށް ލައިސަންސް ލިބުނު ދުވަހުން ފެށިގެން އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ އެކި ހިސާބުތަކުގައިވާ އާއިލާތަކާއި ވިޔަފާރިތަަކަށް ހަލުވި ދުވެލީގައި ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ދިނުން،" ނަޖީބު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުރީދޫން "ފަސޭހަ ބްރޯޑްބޭންޑް" ގެ ނަމުގައި ގެނެސްދިން ޕްރޮޑަކްޓަކީ މުޅި ރާއްޖެއަށް ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ފުޅާވެގެން ދިއުމުގެ ފެށުން ކަމަށެވެ.

"ފަސޭހަ ހޯމް ބްރޯޑްބޭންޑް ފަރުމާކޮށްފައިވަނީ ކޮންމެ ބޭފުޅަކަށް ވެސް ހިދުމަތް ހޯދުމުގެ ފުރުސަތު ދިނުމުގެ އަމާޒާއިއެކު މާކެޓުގައި އެންމެ އަގު ހެޔޮ ރޭޓްތަކުގައި ހިދުމަތް ދޭން. އަޅުގަނޑުމެން ކުރަމުން ގެންދާ މަސައްކަތް އިތުރު ކުރިއެރުމެއް ލިބިގެން ދިއުމަކީ އަޅުގަނޑުމެންނަށް ލިބިގެންދާ ވަރަށް ބޮޑު ފަހުރެއް،" ނަޖީބު ވިދާޅުވި އެވެ.

ދިރާސާތަކުން ދައްކަނީ އެންމެ ބޮޑު ތަފާތެއް ގެނުވާ ހިދުމަތަކީ ބްރޯޑްބޭންޑް އިންޓަނެޓު ކަމަށް. އުރީދޫއަށް އިންޓަނެޓުގެ ހިދުމަތް ދިނުމަށް ލައިސަންސް ލިބުނު ދުވަހުން ފެށިގެން އެންމެ ބޮޑު އަމާޒަކީ ރާއްޖޭގެ އެކި ހިސާބުތަކުގައިވާ އާއިލާތަކާއި ވިޔަފާރިތަަކަށް ހަލުވި ދުވެލީގައި ބްރޯޑްބޭންޑް އިންޓަނެޓުގެ ހިދުމަތް ދިނުން،
ނަޖީބު ހާން | އުރީދޫ

އުރީދޫން ހޯމް ބްރޯޑްބޭންޑްގެ ހިދުމަތް ކޭބަލެއް ބޭނުންނުކޮށް ދޭން ފެށުމާއެކު، އެކަމަށް ހާއްސަ ރައުޓަރެއް ގަނެގެން މި ހިދުމަތް ހޯދުމުގެ މަގު ވަނީ ފަހިވެފަ އެވެ. ރައުޓަރު ކަރަންޓާ ގުޅާލުމަށްފަހު އިންޓަނެޓު ކަނެޓްކޮށްގެން އެއް ފަހަރާ 10 މީހުންނަށް ހިދުމަތް ހޯދޭނެ އެވެ. މީގެ ރައުޓަރެއް ވިއްކަނީ 1،500ރ. އަށެވެ. މި ހިދުމަތުގައި އިންޓަނެޓުގެ ދުވެލި އުޅެނީ 10 އެމްބީޕީއެސްގަ އެވެ. އަދި މި ހިދުމަތް ދިނުމަށް ހަތަރު ޕެކޭޖެއް ތައާރަފުކޮށްފައިވެ އެވެ.

* ހޯމް ބްރޭޑްބޭންޑް 50 ޕެކޭޖު އަގު: 699 ރުފިޔާ، ޑޭޓާ އެލަވަންސް 50 ޖީބީ
* ހޯމް ބްރޭޑްބޭންޑް 120 ޕެކޭޖު އަގު: 1،099 ރުފިޔާ، ޑޭޓާ އެލަވަންސް 120 ޖީބީ
* ހޯމް ބްރޭޑްބޭންޑް 180 ޕެކޭޖު އަގު: 1،549 ރުފިޔާ، ޑޭޓާ އެލަވަންސް 180 ޖީބީ
* ހޯމް ބޫސްޓާ އަގު: 100 ރުފިޔާ، 7 ޖީބީ

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "އަވަސް" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ކުންފުނީގެ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒު ވިދާޅުވީ މި ހިދުމަތް ފަރުމާ ކޮށްފައިވަނީ ރޭންޖު ކެނޑުން ފަދަ މައްސަލަ ތަކަށް ބަލައިގެން ކަމަށެވެ.

"މިއީ ޓެކްނޮލޮޖީގެ ގޮތުން ގެނެވުނު ކުރިއެރުމެއް. ކުރިން ކޭބަލް އަޅައިގެން ދެމުން އަންނަ ކަމެއް މިހާރު ވަޔަލެސްކޮށް މި ދޭން ފެށުނީ،" ނިޔާޒު ވިދާޅުވި އެވެ.

އުރީދޫން ބުނީ މި ހިދުމަތް ތައާރަފު ކުރި ނަމަވެސް ކޭބަލް މެދުވެރިކޮށް އެ ކުންފުނިން ދެމުންގެންދާ ހިދުމަތް އެގޮތުގައި ދޭނެ ކަމަށެވެ.

އުރީދޫ މޯލްޑިވްސް އިން ވަނީ 2005 ވަނަ އަހަރު ރާއްޖޭގައި ހިދުމަތް ފެށުމާއެކު، ޓެކްނޮލޮޖީގެ އާ ހިދުމަތްތަކެއް ތައާރަފު ކުރަމުންނެވެ. މި ހިދުމަތް ތަކާއެކު އެ ކުންފުންޏަށް މިދިޔަ އަހަރު ބޮޑު އާމްދަނީއެއް ވެސް ވަނީ ލިބިފަ އެވެ.