ހަބަރު

ހިއްސާއަކަށް 24 ރުފިޔާ ބަހަން އެމްޓީސީސީން ފާސްކޮށްފި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)ގެ ފައިދާއިން ހިއްސާއަކަށް 24 ރުފިޔާ ބަހަން އެކުންފުނިން މިރޭ ފާސްކޮށްފި އެވެ.

ދަރުބާރުގޭގައި ބޭއްވި އެނުއަަލް ޖެނަރަލް މީޓިންގައި ބޯޑުން ހުށަހެޅީ، މިދިޔަ އަހަރު އެމްޓީސީސީއަށް ލިބުނު ފައިދާއިން 12 މިލިއަން ރުފިޔާ، ހިއްސާއަކަށް 24 ރުފިޔާ ބެހުމަށެވެ. އެގޮތަށް ފާސް ކުރީ 194 ހިއްސާދާރުންގެ ތެރެއިން 99 ޕަސަންޓު ވޯޓު ލިބިގެނެވެ.

ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، އެމްޓީސީސީގެ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓު ދައްކާ ގޮތުގައި، މިދިޔަ އަހަރު އެ ކުންފުންޏަށް ސާފު ފައިދާގެ ގޮތުގައި 115 މިލިއަން ރުފިޔާ ލިބުނެވެ. ނަމަވެސް މި އަދަދަކީ އޭގެ ކުރީ އަހަރު ލިބުނު އަދަދާ އަޅާ ބަލާއިރު 41 މިލިއަން ރުފިޔާ ދަށްވުމެކެވެ.

އެ ކުންފުނީގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު އާމްދަނީގެ ގޮތުގައި ލިބުނީ 1.3 ބިލިއަން ރުފިޔާ އެވެ. ކުންފުނީގެ ވިޔަފާރި ފުޅާ ކުރުމަށް މިދިޔަ ދެ އަހަރު ތެރޭގައި ދެ ޕްރީމިއަމް ފެރީއާއި ޑަބަލް ޑެކާ ފެރީ ހޯދުމަށް 18 މިލިއަން ރުފިޔާ ހޭދަ ކުރިއިރު، އިމާރާތް ކުރާ ދާއިރާގެ މެޝިނަރީ ހޯދުމަށް 76 މިލިއަން ރުފިޔާ އިންވެސްޓް ކޮށްފައިވެ އެވެ.