ހަބަރު

މާލެ ސިޓީ ކައުންސިލްގެ އިމާރާތާއި ބިން ވެސް ސަރުކާރަށް ނަގަން ނިންމައިފި

Apr 20, 2015
1

މާލޭ ސިޓީ ކައުންސިލްގެ މައި އިދާރާ ހުންނަ ބިމާއި ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އިތުރު ދެ ބިމެއް ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލުކުރަން ކެބިނެޓުން އިއްޔެ ނިންމައިފި އެވެ.

ރައީސް އޮފީހުން ބުނީ ކުރިން ގައުމީ ކުތުބުޚާނާ ހިންގި އަދި މިހާރު ސިޓީ ކައުންސިލްގެ މައި އިދާރާ ކަމަށް ވާ ސިޓީ ހޯލްގެ ބިމުގެ އިތުރުން ސަރުކާރަށް ނަގަން ނިންމީ ލޯކަލް މާރުކޭޓް(ކޮށި ނަމްބަރު 207) އާއި މަސް މާރުކޭޓް އެޅުމަށް ބޮޑުތަކުރުފާނުމަގު އުތުރުން ހިއްކާފައިވާ ބިން ކަމަށެވެ. އޭގެ ތެރެއިން ސިޓީ ހޯލް ހުރި ބިން ނަގަން ނިންމީ ސަރުކާރުގެ އިޖްތިމާއީ ބޭނުމަކަށާއި ކަމަށާއި އަނެއް ދެ ބިން ނަގަން ނިންމީ އިޖްތިމާއީ އަދި އިގްތިސާދީ ބޭނުމަށް ކަމަށް ރައީސް އޮފީހުން ބުންޏެވެ.

އެ ތިން ބިން ސަރުކާރަށް ނަގަން ކެބިނެޓުން ނިންމީ ހައުސިން މިނިސްޓްރީން އެގޮތަށް ކެބިނެޓަށް ހުށަހެޅުމުން އެކަމާ މެދު ކެބިނެޓްގައި މަޝްވަރާ ކުރުމަށް ފަހު ކަމަށް ރައީސް އޮފީހުން ބުންޏެވެ. އެގޮތަށް ނިންމުމުން އެ ބިންތައް ސަރުކާރަށް ނެގުމުގެ މަސައްކަތް ހައުސިން މިނިސްޓްރީއާ ރައީސް އަބްދުﷲ ޔާމީން ހަވާލު ކުރައްވާފައިވާ ކަމަށް ވެސް އެ އޮފީހުން ބުނެފައިވެ އެވެ.

މީގެ ކުރިން ވެސް ސިޓީ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ބައެއް ބިންތައް ހައުސިން މިނިސްޓްރީގެ ދަށަށް ވަނީ ގެންގޮސްފަ އެވެ.

އުސްފަސްގަނޑު ސަރަހައްދު ސިޓީ ކައުންސިލްގެ ދަށުގައި އޮއްވާ އެ ބިން ހޯދަން ދައުލަތުން ދައުވާ ކުރުމުން ހައި ކޯޓުން ނިންމާފައިވަނީ ކައުންސިލްތަކާ ހަވާލުކޮށްފައިވާ ބިންތައް ސަރުކާރަށް ނެގުމަށްޓަކައި ކޯޓަށް ދާން ނުޖެހޭނެ ކަމަށެވެ. އަދި އެފަދަ ބިމެއް ސަރުކާރަށް ނަގަން ކެބިނެޓުން ނިންމައިފި ނަމަ އެ ބިމެއް ސަރުކާރާ ހަވާލުކުރަން ޖެހޭނެ ކަމަށް ވެސް ހައި ކޯޓުން ނިންމާފައިވެ އެވެ.