ހަބަރު

ފަރިޔާޒަށް މަރުގެ ހުކުމް އިއްވިތާ ހަ އަހަރު ފަހުން އެ މައްސަލަ އިސްތިއުނާފަށް ހުށަހަޅައިފި

Apr 21, 2015

މިދިޔަ އަހަރު ފަހުކޮޅު މާފުށީ ޖަލުން ފިލި ދެ ގައިދީންގެ ތެރެއިން ގއ. މާމެންދޫ ޖަވާހިރުވާދީ ފަރިޔާޒް އަހުމަދު މެރުމަށް މީގެ ހަ އަހަރު ކުރިން ކޮށްފައިވާ ހުކުމް އިސްތިއުނާފް ކުރަން އޭނާގެ ފަރާތުން ހައި ކޯޓަށް ހުށަހަޅައިފި އެވެ.

މީގެ ހަތް އަހަރު ކުރިން 2007 ގައި ގއ. ވިލިނގީިލީ ކަނޑުއޮޅި މުހައްމަދު ޝިހާބަށް ހަމަލާދީ އޭނާ މަރާލުމުގެ ކުށުގައި ފަރިޔާޒް މެރުމަށް 2008 ގައި ޖިނާއީ ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން ފަރިޔާޒްގެ ފަރާތުން ހުށަހެޅީ މީގެ ދުވަސްކޮޅެއް ކުރިން ކަމަށް ވަނީ އެނގިފަ އެވެ.

ދަށު ކޯޓުގެ ނިންމުންތައް ހައި ކޯޓުގައި އިސްތިއުނާފް ކުރަން ވަކި މުއްދަތެއް އޮންނަ ނަމަވެސް އެ މުއްދަތު ހަމަވާ ފަހުން ހުށަހަޅާ މައްސަލަތައް ބަލައިގަތުމުގެ ބާރު ހައި ކޯޓަށް އޮވެއެވެ. ނަމަވެސް އެގޮތަށް މުއްދަތު ހަމަވާ ފަހުން ހުށަހަޅާ މައްސަލަތައް ބަލައިގަންނާނީ މަގްބޫލު އުޒުރެއް އޮވެއްޖެ ނަމަ ކަމަށް ހައި ކޯޓުގެ ގަވާއިދުގައިވެ އެވެ.

ފަރިޔާޒްގެ އިތުރުން އެ މައްސަލައިގައި އިތުރު ތިން މީހަކު މެރުމަށް ވެސް އޭރު ޖިނާއީ ކޯޓުން ހުކުމްކުރި އެވެ. އޭގެ ތެރެއިން އެކަކު އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވަނީ އެ މީހާގެ ޝަރީއަތުގެ ބައެއް ކަންކަން ގޯސްކޮށް ހިނގާފައިވާތީ އެ މީހާއަށް އިއްވި މަރުގެ ހުކުމް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން 2013 ގައި ދަށު ކޯޓަށް އަމުރުކޮށްފަ އެވެ.

ފަރިޔާޒާއި ޓެރަރިޒަމްގެ މައްސަލައެއްގައި އުމުރަށް ޖަލަށްލާފައި ހުރި ގ. ކޯޒީ އިބްރާހިމް ޝަހުމް އާދަމް ވަނީ މިދިޔަ އަހަރު ފަހުކޮޅު އެ މީހުން ތިބި ޖަލުގެ ގޮޅިން ފިލައިފަ އެވެ. އެ ދެ މީހުން ހޯދަން ސިފައިންނާއި ފުލުހުން ނިކުމެގެން ވަރުގަދަ އޮޕަރޭޝަނެއް ހިންގައި އެ ދެ މީހުން އަލުން ވަނީ ހައްޔަރުކޮށްފަ އެވެ. ފަރިޔާޒް އަތުލައިގަތީ ސިފަ ބަދަލުކޮށްގެން އުޅެނިކޮށެވެ.