ހަބަރު

ފަސްރަށެއްގެ ކުނި މެނޭޖް ކުރުމުގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

ފަސް ރަށެއްގެ ކުނި މެނޭޖް ކުރުމަށް ގާއިމް ކޮށްފައިވާ މަރުކަޒުތަކުގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމަށް ބަޔަކާ ހަވާލުކޮށް އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.

ސްޓެލްކޯގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެންވަޔަރަމަންޓް މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގު އިބްރާހިމެވެ. އެގޮތުން ރ. ވަންދޫގައި ގާއިމް ކޮށްފައިވާ ވޭސްޓް މެނޭޖްމަންޓް ސެންޓާގައި ގާއިމް ކޮށްފައިވާ އިންސިނަރޭޓަރުން އަންދާ ހޫނުން ކަރަންޓް އުފެއްދޭ ނިޒާމެއް ގާައިމް ކުރުމަށް ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ ސޯ އިންޓަނޭޝަނަލާ ވަނީ ހަވާލުކޮށްފަ އެވެ. އަބޫދާބީ ފަންޑް ފޯ ޑިވެލޮޕްމެންޓާއި އިންޓަނޭޝަނަލް ރިނިއުބަލް އެނާޖީ އެޖެންސީގެ ދަށުން ހިންގާ ޕްރޮޖެކްޓްގެ ދަށުން އެ މަޝްރޫއަށް 3.4 މިލިއަން ޑޮލަރު ހަރަދު ކުރަން ހަމަޖެހިފައި ވެއެވެ.

މިއަދުގެ ރަސްމިއްޔާތުގައި ތ. ވަނދޫގައި ވޭސްޓް މެނޭޖްމަންޓް ސެންޓަރެއް އެޅުމަށް އައިއެސްއެފް ކޮންސްޓްރަކްޝަން އާ ވަނީ ހަވާލުކޮށްފަ އެވެ. 1.87 މިލިއަން ރުފިޔާ ހަރަދުވާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ 90 ދުވަސް ތެރޭގައި ނިންމާށެވެ. އަދި އދ. މާމިނގިލީގައި ވޭސްޓް މެނޭޖްމެންޓްމެންޓް ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ހަވާލުކޮށްފައިވަނީ ގުޑްލައިފް އެންޓަޕްރައިސަސްއާ އެވެ. 684900 ރުފިޔާ ހަރަދުވާ އެ ޕްރޮޖެކްޓްގެ މަސައްކަތް ހަވާލުކޮށްފައިވަނީ 59 ދުވަހުގެ ތެރޭގައި ނިންމާށެވެ.

ގއ. ވިލިނގިއްޔާއި ގދ. ރަތަފަންދޫގެ ވޭސްޓް މެނޭޖްމަންޓް ސެންޓާ އަޕްޑްރޭޑް ކުރަން ހަވާލުކޮށްފައިވަނީ ނޫމަސް ކޮންސްޓްރަކްޝަނާއެވެ. ގާތްގަނޑަކަށް 1.7 މިލިއަން ރުފިޔާ ހަރަދުވާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ 50 ދުވަހުގެ ތެރޭގައި ނިންމާށެވެ.

ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ރ. ވަންދޫގައި ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓާ ހެދި އޮޕަރޭޝަން ފައްޓާފައިވާ ކަމަށާއި އެރަށަކީ ރ. ބ. ޅ. އަދި ނ. އެ ހަތަރު އަތޮޅުގެ ކުނި ނައްތާލުމަށް ހަދާފައިވާ ތަނެއް ކަމަށެވެ. އަދި އެތަނުން ދުވާލަކު 40 އިންސަނަރޭޓަރުގެ ކުނި ނައްތާލެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އިންސިނަރޭޓަރުން އަންދާ ހޫނުން 500 ކިލޯވޯޓްގެ ކަރަންޓް އުފައްދާ ނިޒާމެއް އެރަށުގައި ގާއިމް ކުރުމުން އޭގެން އުފައްދާ ކަރަންޓުން މުޅި ރަށަށް ކަރަންޓް ދެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިދާޅުވީ އެރަށަކީ ތެޔޮ ބޭނުން ނުކޮށް ކަރަންޓް ދޭ ރަށަކަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިއަހަރު ނިންމަން ކަނޑައަޅާފައިވާ ޕްރޮޖެކްޓްތަކުގެ ތެރެއިން 90 އިންސައްތަ ޕްރޮޖެކްޓްގެ މަސަައްކަތް ވަނީ ހަވާލު ކުރެވިފައި، ރާއްޖޭގެ އިތުރު ރީޖަން ތަކުގައި ވެސް ކުނި މެނޭޖް ކުރުމުގެ މަޝްރޫއަށް ބޭނުންވާ ޑިޒައިންތައް ވެސް ހަދަމުން މިދަނީ، އައްޑޫގެ ކުނި މެނޭޖްކުރާ ސެންޓަރުގެ ޑިޒައިން ގާތްގަނޑަކަށް ވަނީ ނިމިފައި، މާލޭގެ ސިސްޓަމްގެ ޑިޒައިންވެސް ވަނީ ނިމިފަ، ތިލަފުށީގައި ގާއިމްކުރާ ސިސްޓަމްގެ ޑިޒައިންވެސް ވަނީ ނިމިފަ،" މިނިސްޓަރު ވިދާޅުވި އެވެ.