ހަބަރު

ރޮހިންޔާ އަށް އެހީވާން ފީވަކުގައި ބެހެއްޓި ފަންޑު ފޮއްޓެއް ވަގަށް ނަގައިފި

ރޮހިންޔާގެ މުސްލިމުންނަށް އެހީވުމުގެ ގޮތުން ށ. ފީވަކުގައި ބެހެއްޓި ފަންޑު ފޮއްޓެއް ހދ. ކުޅުދުއްފުށީ މީހަކު ވަގަށް ނަގައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިސަރަކު ވިދާޅުވީ ފީވަކުގައިި ބަހައްޓާފައި ހުރި ފަންޑް ފޮއްޓެއް ވަގަށް ނެގި ކަމުގެ މައުލޫމާތު ރިޕޯޓް ކޮށްފައިވަނީ އިއްޔެ ކަމަށާއި އެމައްސަލާގައި އިއްޔެ އިރުއޮއްސުނުއިރު އެރަށުން 20 އަހަރުގެ ޒުވާނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ވަގަށް ނެގި ފަންޑު ފޮށިވެސް ފެނިފައިވާ ކަމަށެވެ.

މީޑިއާ އޮފިސަރު ވިދާޅުވީ ފަންޑު ފޮށީގައި ހުރީ ކިހާ އަދަދެއްގެ ފައިިސާއެއް ކަމެއް އަދި ހާމަ ކުރެވެން ނެއް ކަމަށާއި އޭނާ އަށް މުއްދަތު ޖަހަން މިއަދު ކޯޓަށް ގެނެވޭނެ ކަމަށެވެ. އަދި އެ މައްސަލަ މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

"ފީވަކުގައި ބަހައްޓާފައި ހުރި ފަންޑު ފޮއްޓެއް ނެގި މައްސަލާގައި އިއްޔެ އިރުއޮއްސުނުއިރު އެރަށުން 20 އަހަރުގެ ޒުވާނަކު ހައްޔަރު ކޮށްފައިވާނެ، އޭނާ މުއްދަތުޖަހަން މިއަދު ކޯޓަށް ގެންދާނެ، މައްސަލަ ތަހުގީގު ކުރަމުންދާތީ އިތުރު މައުލޫމާތު ހާމަ ކުރެވެން ނެއް،" ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވި އެވެ.

އެކަމާ ގުޅޭގޮތުން ފީވަކު ކައުންސިލްގެ ރައީސް ހަސަން ޝުޖާއު ވިދާޅުވީ ރޮހިންޔާ މުސްލިމުންނަށް އެހީވާން އެރަށު މިސްކިތުގައި ބަހައްޓާފައި ހުރި ފަންޑު ފޮށި ވަގަށް ނަގާފައިވަނީ އެރަށު މީހަކާ އިންދެގެން އުޅޭ ހދ. ކުޅުދުއްފިށީ ޒުވާނެއް ކަމަށެވެ. ފޮށި ވަގަށް ނަގާފައިވަނީ އަންގާރަ ދުވަހުގެ ރޭ ދަންވަރު ކަމަށާއި ވަގަށް ނެގި އިރު ފަންޑު ފޮށީގައި ދިހަ ހާހާއި ގާތްކުރާ އަދަދަކަށް ފައިސާ ހުރި ކަމަށެވެ.

ޝުޖާއު ވިދާޅުވީ އާންމު ގޮތެއްގައި ފަންޑު ފޮށި ގެއްލިއްގެން އިއްޔެ މެންދުރު ފަހު ފުލުހަށް ރިޕޯޓް ކޮށްފައިވާނެ ކަމަށާއި ފަންޑު ފޮށި ފެނިފައިވަނީ އޭގައިހުރި ފައިސާތަށް ނެގުމަށްފަހު ފަޅު ގެއެއްގެ ތެރެއަށް އެއްލާލާފައި ވަނިކޮށް ކަމަށެވެ.

"އާންމު ގޮތެއްގައި ރޭގަނޑު 10 ގެ ފަހުން ފަންޑު ފޮށި ނަގަން، ހެނދުނު އަލުން ބަހައްޓަނީ، އެކަމަކު އިއްޔެ މެންދުރު ވެސް ފަންޑު ފޮށި ބަހައްޓާފައި ނެތުމުން ޝައްކުވެގެން ބެލި ބެލުމުން އިނގުނީ ވަގަށް ނެގި ކަން، އިނގުމާއެކު އިއްޔެ މެންދުރުފަހު ޕޮލިހަށް ރިޕޯޓް ކޮށްފައިވާނެ،" ޝުޖާއު ވިދާޅުވި އެވެ.