ހަބަރު

ޖަސްޓިސް ސިސްޓަމް ހަރުދަނާކުރަން އެކްޝަން ޕްލޭނެއް އެކުލަވާލައިފި

ޖުވެނައިލް ޖަސްޓިސް ސިސްޓަމް ހަރުދަނާކުރުމަށްޓަކައި ކަމާގުޅުންހުރި މުއައްސަސާތައް ގުޅިގެން މަސައްކަތްކުރުމަށްޓަކައި އެކްޝަން ޕްލޭނެއް އެކުލަވާލައިފި އެވެ.

ޔުނިސެފް މޯލްޑިވްސް އާއި ޝަރުއީ ދާއިރާ ގުޅިގެން މިމަހުގެ 13 އިން 16 އަށް ބަނޑޮސް އައިލޭންޑް ރިސޯޓްގައި ކުރިއަށް ގެންދިޔަ ނެޝަނަލް ޖުޑީޝަލް ކޮންފަރެންސް 2017 ގެ މަހާސިންތާގެ ދަށުން ކުރިއަށް ގެންދިޔަ ޖުޑީޝަލް ސިމްޕޯޒިއަމް އޮން ޗަޔަލްޑް އެންޑް ދަ ޖުވެނައިލް ޖަސްޓިސް ސިސްޓަމްގައި މަޝްވަރާކުރެވުނު މައިގަނޑު ކަންތައްތައްތަކުގެ މައްޗަށް ބިނާކޮށް ކަމާ ގުޅުންހުރި މުއައްސަސާތައް ގުޅިގެން އެކްޝަން ޕްލޭން ތަންފީޒު ކުރަން އަވަސް މުއްދަތެެއްގައި ޝަރުއީ ދާއިރާއާ ހިއްސާކޮށް އިންތިޒާމް ހަމަޖައްސައި ދިނުމަށާއި އެކަމުގައި ހަރަކާތްތެރިވާނެ ފޯކަލް ޕޮއިސްޓްތަކެއް ހަމަޖައްސައި އެ މައުލޫމާތު ޝަރުއީ ދާއިރާ ހިއްސާ ކުރުމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އެދިވަޑައިގެންނެވިއެވެ.

ކުޑަކުދިންގެ ހައްގުތަކާއި އަދުލުގެ ނިޒާމު ހަރުދަނާ ކުރުމަށްޓަކައި އެ ނިޒާމުގެ އެކިއެކި ބައިތަކާ ގުޅޭ މައުލޫތަކަށް އެކުލަވައިލެވިފައިވާ އިލްމީ ދިރާސާތައް ހުށަހެޅުމާއި އެދިރާސާތަކުން ފާހަގަވެފައިވާ ކަންކަމާބެހޭގޮތުން ބަހުސްކޮށް ކަމާ ގުޅޭ އެންމެހާ މުއައްސަސާތައް ހޭލުންތެރި ކުރުވި އެވެ. އަދި ފަނޑިޔާރުންނާއި ކަމާ ގުޅުން ހުރި މުއައްސަސާތަކުގެ ބޭފުޅުންގެ ތަޖުރިބާ ހިއްސާ ކޮށް ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން އެކުލަވައިލުމާ ގުޅޭގޮތުން ބައިވެރިންގެ މެދުގައި މަޝްވަރާ ކޮށްފައި ވެއެވެ.

މިއަހަރު ބޭއްވުނު ސިމްޕޯޒިއްމް އަކީ ރާއްޖޭގެ ޖުޑީޝަލް އެކަޑަމީން އިންތިޒާމްކޮށްގެން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި، ސުޕީރިއަރ ކޯޓުތަކާއި، މެޖިސްޓްރޭޓް ކޯޓުތަކާއި، އަދި ގުޅުންހުރި އެކިއެކި މުއައްސަސާތަކަށް އަމާޒުކޮށްގެން، ކުޑަކުދިންގެ ހައްގުތަކާއި ކުޑަކުދިންގެ އަދުލުގެ ނިޒާމާ ގުޅޭގޮތުން މަޝްވަރާކޮށް، ޖުވެނައިލް ޖަސްޓިސް ސިސްޓަމް ހަރުދަނާ ކުރުމަށްޓަކައި ޝަރުއީ ދާއިރާއިން ރާވަންޖެހޭ ސްޓްރޭޓެޓީސް ތަކާއި އެކްޓިވިޓީސްތައް ދެނެގަމުގެ މަގުސަދުގައި ކުރިއަށް ގެންދިޔަ ސިމްޕޯޒިއަމްކެވެ.


ޝަރުއީ ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކޮށް ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާކޮށް އެއްގޮތް އުސޫލުތަކެއް އެކަށަ އެޅުމަށާއި އަލަށް އަމަލުކުރަންފަށާ ގާނޫނުތަކާ ގުޅޭގޮތުން މަޝްވަރާކޮށް ޚިޔާލު ބަދަލުކުރުމުގެ މަޤުޞަދުގައި ކޮންމެ އަހަރަކުވެސް ކުރިއަށް ގެންދާ ނެޝަނަލް ޖުޑީޝަލް ކޮންފަރެންސް އެކެވެ.

ޖުޑީޝަލް ސިމްޕޯޒިއަމް އޮން ޗަޔަލްޑް އެންޑް ދަ ޖުވެނައިލް ޖަސްޓިސް ސިސްޓަމްގައި ބައިވެރިވި ފަނޑިޔާރުންނަށް ވަނީ ހަނދާނީ ލިޔުން ހަވާލު ކޮށްފަ އެވެ. ހަނދާނީ ލުޔުން ހަވާލު ކޮށްދިނީ އުއްތަމަ ފަނޑިޔާރު އަބުދުﷲ ސައީދެވެ.