ހަބަރު

އަމާޒަކީ 2020 ގައި ހައިޑްރޯ ކްލޯރޯ ފްލޯރޯ ކާބަންސް ބޭނުންކުރުން ހުއްޓާލުން: މިނިސްޓަރު

ހައިޑްރޯ ކްލޯރޯ ފްލޯރޯ ކާބަންސް ރާއްޖޭގައި ބޭނުންކުރުން 2020 ވަނަ އަހަރު އަންނަ އިރު، ހުއްޓާލުމަށް ރާއްޖެއިން އަމާޒު ހިފާފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ އޯޒޯން ފަށަލަ ހިމާޔަތް ކުރުމާ ބެހޭ ބައިނަލްއަގްވާމީ ދުވަހުގެ މުނާސަބަތުގައި ކެނެޑާގެ މޮންޓްރިއާލްގައި ކުރިއަށްދާ މިނިސްޓަރުން ފެންވަރުގެ ބައްދަލުވުމުގައި ތަގުރީރު ކުރައްވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ، ދުނިޔޭގެ ގައުމުތަކުން ގުޅިގެން ކުރެވުނު މަސައްކަތުން އޯޒޯން ފަށަލައިގެ ހާލަތް ރަނގަޅުވަމުން އަންނަކަން ދިރާސާތަކުން ދައްކާ ކަމަށެެވެ. އެއީ ދުނިޔެއަށް މިއަދު ދިމާވެފައިވާ ތިމާވެށީގެ ބޮޑެތި ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ކުރަމުން ގެންދާ ތަފާތު އެކި މަސައްކަތްތަކަށް އޮތް ދިރިހުރި އަދި ނަމޫނާ މިސާލެއްކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ދުނިޔެ ހޫނުވުމުގެ މައްސަލައަށް ހައްލު ހޯދުމަށް އެކުލަވާލެވިފައިވާ ޕެރިސް އެގްރީމެންޓް ދިވެހިރާއްޖެ ތަސްދީގު ކޮށްފައިވާއިރު ބައިނަލްއަގްވާމީ ފެންވަރުގައި ތިމާވެއްޓަށް ނިންމާ އެފަދަ ބޮޑެތި ނިންމުންތަކުގެ އެންމެ ކުރީގައި ދިވެހިރާއްޖެ ހިމެނޭ ކަމަށެވެ. އެގޮތުން ސީއެފްސީ އެންމެ ފުރަތަމަ ބޭނުން ކުރުން ހުއްޓާލި ގައުމުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށާއި 2020 އަށް ހައިޑްރޯ ކްލޯރޯ ފްލޯރޯ ކާބަންސް ބޭނުންކުރުން ހުއްޓާލުމަސް ރާއްޖެއިން އަމާޒު ހިފާފައިވާ ކަމަށެވެ. އަދި އެލަނޑުދަނޑި ހާސިލުކުރާ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ކުރިއަށް އޮތް އަހަރުތަކުގައި ހައިޑްރޯ ފްލޯރޯކާބަންސް ބޭނުންކުރުން މަދުކުރުމަށް ރާއްޖެއިން މަސައްކަތް ފަށާއިރު މިކަމުގައިވެސް އެންމެހައި ދިވެހީންގެ އެއްބާރުލުން ލިބޭނެކަމީ އަޅުގަނޑު ޔަގީންކުރާކަމެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ދިރާސާތަކުން ހާމަވާ ގޮތުގައި މޮންޓްރިއަލް މުއާހަދާގެ ސަބަބުން އެތައް ބަޔަކު ވަނީ ހަމުގެ ކެންސަރާއި ލޮލުގެ ބަލިތަކުގެ އިތުރުން ދިފާއީ ނިޒާމަށް ޖެހިދާނެ ތަފާތު ބަލިތަކުން ސަލާމަތް ކުރެވިފައި ކަމަށެވެ. ދިވެހި އިގްތިސާދުގެ މައި އެއްތަނބު ކަމުގައިވާ މަސްވެރިކަމަށްވެސް އޯޒޯންފަށަލައިގެ ދުޅަހެޔޮކަމުގެ މުހިއްމުކަން ބޮޑު ކަމަށާއި އެގޮތުން ފުޑްޗެއިންގެ އަސާސީ ދިރުމެއް ކަމުގައިވާ ފައިޓޯޕްލެންކްޓަންގެ އާބާދީއަށް އެންމެ އެކަށޭނެ މާހައުލެއް ގާއިމް ކުރުމުގައި އޯޒޯން ފަށަލައިގެ ދައުރު މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އިންސާނާގެ އަމަލުތަކުގެ ސަބަބުން ދުނިޔޭގެ ނާޒުކު ވެއްޓަށް ބޮޑެތި ގެއްލުންތަކެއް ނުހަނު ކުޑަ ވަގުތުކޮޅެއްގައި ލިބިގެން ދާއިރު މިގެއްލުންތަކުން އަރާއިގަނެ އިޔާދަ ވުމަށް އެތައް ދުވަހަކާއި އެތައް މަސައްކަތްތަކެއް ކުރަން ޖެހޭ ކަމީ މިއަދު އަޅުގަނޑުމެން ވިސްނަން ޖެހޭ ކަމެއް، އެހެންކަމުން މިކަމަށް ވިސްނައި އަޅުގަނޑުމެން އެންމެންގެވެސް ދިރިއުޅުމުގެ އާދަތައް ބައްޓަންކުރުމަށް ދިވެހި އެންމެހައި ރައްޔިތުންނަށް އަޅުގަނޑު ގޮވާލަން،" މިނިސްޓަރު ވިދާޅުވި އެވެ.