މިދިޔަ ހުކުރު ދުވަހުގެ ރޭ މައްޗަންގޯޅި ފެސިނޭޝަން ގޭގައި ހުރި އެއްޗެއް ގޮވުމުގެ ހާދިސާއާމެދު ބޮޑެތި ސުވާލުތަކެއް އުފެދިއްޖެ އެވެ. އެ ހާދިސާއަކީ ދޮންނަ މެޝިނެއްގައި ރޯވެގެން ހިނގި ހާދިސާއެއް ކަމަށް ބެލެން ނެތްފަދަ ކަންތައްތަކެއް ވަނީ ފެންމަތިވެފަ އެވެ.
ފެސިނޭޝަން ގޭގައި އަލިފާން ރޯވެ އެގޭގައި އެވަގުތު އެ ގޭގައި ހުރި އުމުރުން 56 އަހަރުގެ އަންހެނަކު ވަނީ ވަރަށް ބޮޑަށް ފިހިފަ އެވެ. އޭނާގެ 70 ޕަސެންޓް ފިހިފައިވާ ކަމަށް އައިޖީއެމްއެޗުން މައުލޫމާތުދެ އެވެ. އެ ސަރަހައްދު ގެއެއްގައި ދިރިއުޅޭ މީހަކު އަވަސްއަށް ކިޔައި ދިން ގޮތުގައި އެދުވަހު އެ ގޭގެ ތެރޭފައި ބާރުގަދަ އެއްޗެއް ގޮވާ އަޑުއިވުނެވެ.އަދި އެ ގޮވި ވަގުތު އެ ހިސާބުގަނޑުގައި ހުރި އެހެން ގޭގެއަށް ވެސް ވަރަށް ބޮޑަށް ގުޑުން އެރި އެވެ.
އަވަސްއަށް ކަށަވަރުވާ ގޮތުގައި ފެސިނޭޝަން ގޭގައި ހިނގީ އަލިފާނުގެ ހާދިސާއެއް ނޫން ކަމަށާއި އެއީ އެއްޗެެއް ގޮވައިގެން ހިނގި ހާދިސާއެއް ކަމަށް ޝައްކު ކުރެވޭތީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ސީރިއަސް އެންޑް ކުރައިމްސް ޑިޕާޓްމެންޓުން އެ މައްސަލަ މިހާރު ވަނީ ތަހުގީގުކުރަން ފަށާފަ އެވެ.
"ޖެހިގެން ހުރި ބްލޮކްގައި ހުރި ގެއެއްގައި އެވަގު އަހަރެން ހުރީ، އެ ހާދިސާގައި ވަރަށް ބާރަށް އެއްޗެއް ގޮވި އަޑު އަހަރެން އެ ގޭގެ ކޮޓަރީގައި ހުރިއިރު އިވުނު، އެގަޑީގައި ގެއަށް ވަރަށް ބޮޑަށް ލޮޅުންވެސް އެރި،" އަވަސް އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.
ފެސިނޭޝަން ގޭގައި ބާރުގަދަ އެއްޗެއް ގޮވި ކަމުގެ ހެކި ލިބޭ އެހެން ކަންކަން ވެސް އެބަ ހުއްޓެވެ. އެ ހާދިސާގައި އެގޭގެ ދޮރު ވިއްސައިގެން ގޮސް މަގުގެ އަނެއް ފަޅީގައި ހުރި ސެލޫނެއްގެ ބިއްލޫރި ގަނޑުގައި ޖެހި ބިއްލޫރި ގަނޑު ތަޅައިގެން ދިޔަ އެވެ. .
ފިލާއިން ހަދާފައިވާ ދޮރުވެސް އޮތީ އެއްކޮށް ކަހަލަ ގޮތަކަށް ކުދިކުދި ވެފަ އެވެ. އަދި ފެސިނޭޝަން ގޭގެ ފެން ލައިޓް ދޮރުތައް ވެސް ވަނީ އެ ހާދިސާގައި ވިއްސައިގެން ގޮސްފަ އެވެ.
ފެސިނޭޝަން ގޭ ކުރިމައްޗަށް ހުރި ސެލޫންގައި އެވަގުތު މަސައްކަތް ކުރަމުންދިޔަ ބިދޭސީ މީހާ "އަވަސް" އަށް ބުނި ގޮތުގައި ބާރު ގަދަ އަޑަކާ އެކު އެގޭގެ ދޮރު ވިއްސައިގެން ގޮސް ޖެހުނީ ސެލޫންގެ ބިއްލޫރި ގަނޑުގަ އެވެ. އެކަމުގެ ސަބަބުން ބިއްލޫރިގަނޑު އެއްކޮން ތަޅައިގެން ދިޔަ ކަމަށް އޭނާ ބުންޏެވެ.
ހުކުރު ދުވަހުގެ ރޭ ފެސިނޭޝަން ގޭގައި ހުރި ދޮންނަ މެޝިނެއްގައި އަލިފާން ރޯވި ކަމަށް އެމްއެންޑީއެފުން ބުނެފައިވެ އެވެ. އަދި އެމައްސަލަ މިހާރު ތަހުގީގު ކުރަމުން ދަނީ ފުލުހުން ކަމަށް ސިފައިން ބުންޏެވެ. އެއީ އަލިފާން ހިފައިގެން ހިނގި ހާދިސާއެއް ކަމަށް ސިފައިން ބުނި ނަމަވެސް އެވަގުތު މަންޒަރު ދުށް ބައެއް ފަރާތްތަކުން ވަނީ އެގޭގައި މާ ބޮޑަށް އަލިފާން ހިފާފައި ނުވާ ކަމަށް ބުނެފަ އެވެ.
މި މައްސަލައާ ގުޅޭގޮތުން ފުލުހުންގެ ބަހެއް ހޯދަން ކުރި މަސައްކަތް ކާމިޔާބު ވާގޮތެއް ނުވި އެވެ. އަވަސްއަށް ކަށަވަރުވާ ގޮތުގައި ފެސިނޭޝަން ގޭގައި ހިނގީ އަލިފާނުގެ ހާދިސާއެއް ނޫން ކަމަށް ބެލެވިގެން ފުލުހުން މިހާރު އަންނަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އެވެ.