މާލެ ސިޓީ އާއި ހދ. ކުޅުދުއްފުށި އަދި ލ އަތޮޅުގެ ގުޅިފައިވާ ރަށްތަކުގައި ބަހުގެ ހިދުމަތް ދިނުމަށް އެކޮނޮމިކް މިނިސްޓްރީގެ ފަރާތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އާ ހަވާލުކޮށް އެއްބަސްވުމެއްގައި ސޮއި ކޮށްފި އެވެ.
އެމްޕީއެލް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު މުހައްމަދު ސައީދެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމެވެ.
ރަސްމިއްޔާތުގައި ހަލީމް ވިދާޅުވީ ލ. އަތޮޅު ގުޅިފައިވާ ރަށްތަކުގައި ބަހުގެ ހިދުމަތް މަހެއްހާ ދުވަހުގެ ތެރޭގައި ފަށާނެ ކަމަށާއި ކުޅުދުއްފުށީގައި ވެސް މަހެއްހާ ދުވަހުގެ ތެރޭގައި ހިދުމަތް ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މާލޭގައި ބަހުގެ ހިދުމަތް ދިނުމުގައި ގޮންޖެހުންތަކެއް ހުރުމުން އެކަމަށް ތަންކޮޅެއް ގިނަ ދުވަސް ނަގާނެ ކަމަށާއި ނަމަވެސް މާ ލަސްތަކެއް ނުވެ މާލޭގައި ވެސް ބަހުގެ ހިދުމަތް ފަށާނެ ކަމަށް ހަލީމް ވިދާޅުވި އެވެ.
ހަލީމް ވިދާޅުވީ ދަތުރުފަތުރުގެ ހިދުމަތް ދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށާއި މިއަދު ވެވުނު އެއްބަސްވުމަކީ އިންފްރާސްޓްރަކްޗާގެ ކަންކަން ނިމެމުންދާ ވަރަކަށް އެރަށްރަށުގެ ރައްޔިތުންނަށް ލުއި ފަސޭހަ އަދި އަތް ފޯރާ ފަށުގައި ދަތުރުފަތުރު ކުރުމުގެ ނިޒާމެއް ގާއިމް ކުރުމުގެ މަސައްކަތް ކަމަށެވެ.
"އައްޑޫ ސިޓީއާއި ފުވައްމުލަކުގައި ފެރީގެ ނިޒާމާއި ބަހުގެ ނިޒާމު ފޯރުކޮށްދެމުން މިހާރުވެސް މިދަނީ، އެއްގަމު ދަތުރުފަތުރުގެ ހިދުމަތް ދިނުމަކީ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް، ކުޅުދުއްފުށީގެ މަސައްކަތް ވެސް މިހާރު އެދަނީ ކުރެވެމުން، ހައްދުންމަތީ ލިންކްރޯޑްގެ މަސައްކަތް ވެސް ވަނީ ނިމިފައި،" ހަލީމް ވިދާޅުވި އެވެ.
ހަލީމް އިތުރަށް ވިދާޅުވީ އެމްޕީއެލުން މިހާރު ބަހުގެ ހިދުމަތް ފޯރުކޮށް ދެމުންދާ އައްޑޫ ސިޓީއާ ފުވައްމުލަކުގެ ހިދުމަތް އިތުރަށް ފުޅާ ކުރުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަމަށާއި ފުވައްމުލަކު ކުދި މަގުތަކަށް ވަދެވޭނެ ކުދި ބަސްތަކެއް ގެނައުމުގެ މަސައްކަތް ތަކެއް ކުރެވެމުންދާ ކަމަށެވެ.
ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ފުނަދޫ ދާއިރާގެ މެންބަރު އަބުދުއްރަހީމް ވިދާޅުވީ، ދަތުރުފަތުރުގެ ނިޒާމުގެ ސަބަބުން ރައްޔިތުންނަށް ވަރަށް ބޮޑު ލުއި ފަސޭހަ ކަމެއް ލިބިގެންދާނެ ކަމަށާއި މިކަމުގެ ސަބަބުން އިތުރު ވަޒީފާގެ ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށެވެ.