ހަބަރު

"ސެޕްޓެމްބަރު 19 ހަނދާން ނައްތާލައިގެން ނުވާނެ"

މާފުށީ ޖަލުގައި ހަސަން އީވާން ނަސީމް މަރާލައި، މާފުށީ ޖަލުގައި ބަޑިޖެހި ހާދިސާ ހަނދާން ނައްތާ ނުލުމަށް އިނގިރޭސިވިލާތުގައި މިހާރު ދިރިއުޅެމުން ގެންދަވާ އެމްޑީޕީގެ ކުރީގެ ޗެއާ ޕާސަން އަލީ ވަހީދު ގޮވާލައިފި އެވެ. ސިފައިން ތަޅައި އަނިޔާކޮށް އީވާން މަރާލީ ސެޕްޓެމްބަރު 19، 2003 ގައެވެ. ޖަލުގައި ބަޑިޖެހި ހާދިސާ އައީ ޖެހިގެން އައި ސެޕްޓެމްބަރު 20 ވަނަ ދުވަހު އެވެ.

އީވާން ނަސީމް މަރާލި ހާދިސާއަށް މިއަދު 14 އަހަރު ފުރޭ އިރު އެ ދުވަހުގެ އެ ހާދިސާއަކީ އިދިކޮޅު އެމްޑީޕީއިން ކޮންމެ އަހަރަކު ވެސް ފާހަގަކޮށް އެކަމުގެ އިންސާފަށް ގޮވާލާ ކަމެކެވެ. އެގޮތުން މާލޭގައި މުޒާހަރާ ކުރުމާއި ޖަގަހަ ޖަލްސާތަކުގައި ކުރީގެ ރައީސް މައުމޫންއަށް ވަރަށް ބޮޑަށް ކޮންމެ އަހަރަކު ވެސް ފާޑު ވިދާޅުވެ، ޖަލުތަކުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅު ކުރެ އެވެ. ނަމަވެސް މިދިޔަ އަހަރުގެ ސެޕްޓެމްބަރު 19 އާ ކުރިމަތިލި އިރު ރައީސް މައުމޫން ވަނީ މިހާރުގެ ސަރުކާރަށް ކުރާ ތާއީދު އަނބުރާ ގެންގޮސް، އިދިކޮޅު ފަރާތްތަކާއެކު ސިޔާސީ ހަރަކާތަށް ނުކުންނަވާފަ އެވެ.

އެކަމަށް އިޝާރާތް ކުރައްވަމުންް އަލީ ވަހީދު މިއަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވަނީ ސެޕްޓެމްބަރު މަހުގެ 19 އާއި 20 ވަނަ ދުވަހުގެ ހާދިސާއަކީ ހަނދާން ނައްތާލައިގެން ވާނެ ދުވަހެއް ނޫން ކަމަށާއި އަދިވެސް ޖަލުތަކުގައި އަނިޔާވެރިކަމުގެ ސަގާފަތަށް ނިމުމެއް ނާންނަ ކަމަށެވެ.

އެމްޑީޕީގެ ކުރީގެ ޗެއާ ޕާސަން އަލީ ވަހީދު --

އަލީ ވަހީދަކީ މީގެ ކުރިން ވެސް މި މައްސަލާގައި ރައީސް މައުމޫނާ އެއްކޮޅަށާއި ދެކޮޅަށް ވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން އައި ބޭފުޅެކެވެ. އޭނާ އެމްޑީޕީގެ ޗެއާ ޕާސަން ކަމުންނާއި މޯލްޑިވްސް ޔުނައިޓަޑް އޮޕޮޒިޝަންގެ ޑެޕިއުޓީ ލީޑަރު ކަމުން އިސްތިއުފާ ދެއްވީ ވެސް އެމްޑީޕީން ރައީސް މައުމޫންއާ ގުޅިގެން މަސައްކަތް ކުރަން ފެށި ދުވަސްކޮޅެވެ.

އީވާން ނަސީމް މަރާލި ދުވަހާ ގުޅިގެން އެމްޑީޕީން މިއަދު އަދި އެއްވެސް އެއްޗެއް ނުބުނެ އެވެ. އަދި އެކަމާ ގުޅޭ ގޮތުން ބަހެއް ހޯދުމަށް އެ ޕާޓީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ފަރާތްތަކުގެ ފޯނަށް ގުޅުމުން ވެސް ޖަވާބެއް ނުދެއްވަ އެވެ. އެކަމާ ގުޅޭ ގޮތުން އެމްޑީޕީން ހިމޭނުން އޮތްއިރު އެމްޑީޕީން ކޮންމެ އަހަރަކު ފާހަގަކުރާ އޮގަސްޓު 12 ،13 ވެސް މި އަހަރު ފާހަގައެއް ނުކުރެ އެވެ.