ހަބަރު

ގުރައިދޫ މަރުކަޒު ތަރައްގީކުރަން 1.7 މިލިއަން ރުފިޔާގެ އެހީ

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ތަރައްގީ ކުރުމަށް އެލިޔާ ކޮންސްޓްރަކްޝަނާއި ހޮޓެލްސް އެންޑް ރިސޯޓް ކޮންސްޓްރަކްޝަނާއި އަމީން ކޮންސްޓްރަކުޝަނުން 1.7 މިލިއަން ރުފިޔާގެ އެހީއެއްދީ ހެލްތް މިނިސްޓްރީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

ރޯޝަނީ ބިލްޑިންގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރައްވާފައިވަނީ މިނިސްޓަރު އަބުދުﷲ ނާޒިމެވެ. އެލިއާ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ އެގްޒެކެޓިވް ޑިރެކްޓަރު އަލާއު އަލީ އެވެ. އަދި ހޮޓެލްސް ރިސޯޓް ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު އެވެ.

ރަސްމިއްޔާތުގައި ގުރައިދޫ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒުގެ ވޯޑް ހަތެއް މަރާމާތު ކުރަން ވެހިކޮން ބިލްޑާސް ޕްރައިވެޓް ލިމިޓޭޑާ ހަވާލުކޮށްފައި ވެއެވެ. ތިރީސް ދެ ދުވަހުގެ ތެރޭގައި މަސައްކަތް ނިންމަން އެކުންފުންޏާ މަސައްކަތް ހަވާލު ކޮށްފައިވަނީ 1.6 މިލިއަން ރުފިޔާ އަށެވެ. އަދި ލޯންޑްރީ އިމާރާތް މަރާމާތުކުރަން ޕަވާ ކޮންސްޓަރަކްޝަން އެންޑް ޓްރޭޑިންނާ ހަވާލު ކޮށްފައި ވެއެވެ. ތިރީސް ދެ ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމަން އެކުންފުންޏާ ހަވާލުކޮށްފައިވަނީ 396،416 ރުފިޔާ އަށެވެ.

އެއްބަސްވުންތަކުގައި ސޮއި ކުރުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ރައީސް އަބުދުﷲ ޔާމީން ވެރިކަމާ ހަވާލުވިއިރު އެންމެ ބޮޑަށް އަޅާލުން ބޭނުން ވެފައިވާ މަރުކަޒަކީ ގުރައިދޫ މަރުކަޒު ކަމަަށާއި އެ މަރުކަޒުގެ ބާވެފައިވާ އިމާރާތާއި އެތަނުގައި ތިބޭ މީހުންނަށް ހިދުމަތް އިތުރަށް ފުޅާކޮށްދިނުމަށް މި ސަރުކާރުން ހާއްސަ ސަމާލުކަމެއް ދީފައިވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ނަފްސާނީ ބަލީގެ ކުޑަކުދިންނަށް ހާއްސަކޮށްގެން ގުރައިދޫ މަރުކަޒުގައި ވޯޑެއް ހެދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ސަރުކާރުން ދެކޭ ކަމަށާއި އެ މަސައްކަތުގައި އަމިއްލަ ބައެއް ވިޔަފާރިވެރިންގެ އެހީ ހޯދަން ކުރި މަސައްކަތުން މިއަދު އެފަރާތްތަކުގެ ބައިވެރިވުމާއެކު މަސައްކަތްތައް ފެށިގެންދާކަމީ ލިބިގެންދާ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ނަފްސާނީ ބަލީގެ ކުޑަކުދިން ގެންގުޅެން ޖެހުން ވެފައިވަނީ ވަރަށް ނާޒުކު ކަމަކަށް، ކުޑަކުދިންގެ މަރުކަޒުގައިވެސް އެކުދިން އާންމު ކުދިންނާއެކު އެހާ ހެލްތީ ކަމަކަށް ނުވާތީވެ އެކުދިންނަށް ހާއްސަ ކުރެވިގެން ގުރައިދޫ މަރުކަޒުގައި ވޯޑެއް ހެދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ސަރުކާރުން ދެކެން، ސަރުކާރުން ކުރަމުންދާ މަސައްކަތުގައި އަމިއްލަ ބައެއް ވިޔަފާރި ކުންފުނިތަކުގެ އެހީތެރިކަން ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށައިގެން ކުރިއަށް ގެންގޮސް މިއަދު ވަރަށް ބޮޑު އެހީތެރިކަމެއް ލިބިގެން މިދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، މިއަދު ކުރެވުނު އެއްބަސްވުމުގެ ދަށުން ދިހަ ވަރަކަށް ކުޑަކުދިންނަށް ފަސޭހަ ކަމާއެކު އެތަނުގައި ދިރިއުޅެވޭނެ ކަމަށާއި ކުރިއަށް އޮތް ތަނުގައި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަކޮށް ވޯޑެއް ހެދުމުގެ މަސައްކަތްވެސް ފެށިގެންދާނެ ކަމަށެވެ.

މި ސަރުކާރުން ގުރައިދޫގެ ހާއްސަ އެހީއަށް ބޭނުންވާ މަރުކަޒު މަރާމާތު ކުރުމަށާއި އާބާތުރަ ފިލުވަން 12.5 މިލިއަން ރުފިޔާ ހަރަދު ކޮށްފައި ވެއެވެ.