ހަބަރު

ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމާ ގުޅޭ އދ. ޖަލްސާގެ ރިޔާސަތުގައި ރާއްޖެ

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމާ ގުޅޭގޮތުން އދ. ގެ އާންމު ޖަލްސާގެ ހައި ލެވަލް ސައިޑް އިވެންޓެއްގެ ރިޔާސަތު ރާއްޖެއިން ބަލަހައްޓައިފި އެވެ.

ރާއްޖެ، އެސްޓޯނިއާ، ނައިޖީރިއާ، އަދި އޮފީސް އޮފް ދަ ސްޕަޝަލް ރެޕްރެޒެންޓޭޓިވް އޮފް ދަ ސެކްރެޓަރީ ޖެނެރަލް އޮން ވަޔަލެންސް އެގެންސްޓް ޗިލްޑްރަންއާއި ގްލޯބަލް ޕާޓްނަޝިޕް ޓު އެންޑް ވަޔަލެންސް އެގެންސްޓް ޗިލްޑްރަން ގުޅިގެން ބޭއްވި އިވެންޓެއްގަ އެވެ.

އދ. ގެ 72 ވަނަ އާންމު ޖަލްސާގައި މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ޕެނެލިސްޓެއްގެ ގޮތުގައި ބައިވެރިވެ ރިޔާސަތު ބެލެހެއްޓެވީ ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ އެވެ. އެ ބައްދަލުވުމުގައި ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާ ހުއްޓުވުމަށް އެކި ގައުމުތަކުން ކުރާ މަސައްކަތްތަކާއި، ކުރިމަތިވާ ގޮންޖެހުންތަކުގެ އިތުރުން ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވެއެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ދިވެހި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް އަލި އަޅުވާލައި މިނިސްޓަރު ވިދާޅުވީ ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް މިދިޔަ މަހު ގައުމީ މަހާސިންތާއެއް ބާއްވާފައިވާ ކަމަށެވެ. އަދި އެ މަހާސިންތާގައި ކަމާބެހޭ ދާއިރާތަކުގެ މަޝްވަރާއާއެކު ދެ އަހަރު ދުވަހުގެ މުއްދަތަށް ގައުމީ އެކްޝަން ޕްލޭނެއް އެކުލަވާލައި އަމަލު ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

70 އަށްވުރެ ގިނަ ފަރާތްތަކުން ބައިވެރިވި މި ބައްދަލުވުމުގައި މިނިސްޓަރު ޒެނީޝާގެ އިތުރުން، އެސްޓޯނިއާގެ ފޮރިން މިނިސްޓަރު ސްވެން މިކްސަރު އަދި ނައިޖީރިއާގެ ޑިފެންސް މިނިސްޓަރު ބްރިގޭޑިއަ ޖެނެރަލް ރިޓަޔާޑް މަންސޫރު ޑާން އަލީ ވެސް ޕެނަލިސްޓުންގެ ގޮތުގައި ވާހަކަފުޅު ދައްކަވާފައިވެއެވެ. އަދި ބައްދަލުވުމުގައި ރާއްޖޭއާ ޔުނިސެފް މޯލްޑިވްސް ގުޅިގެން ތައްޔާރުކޮށްފައިވާ، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭގޮތުން ކުދިންގެ ހިޔާލު ދައްކައިދޭ ވީޑިއޯ ޕްރެޒެންޓޭޝަނެއްވެސް ވަނީ ހުށަހަޅާފައެވެ.